މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އިން އެމްޑީޕީ އަށް ދޭން ޖެހޭ ފައިސާ މިއަދާ ހަމަ އަށް ލިބިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.
ޗެއަޕާސަންގެ ނައިބު (މާލީ) ސޮއި ކުރައްވައި މިއަދު ފޮނުވި ސިޓީގައި ވަނީ، ސިޔާސީ ޕާޓީ ތަކުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި އެފަ އިސާއަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދޭން ޖެހޭ ފައިސާއެއްކަމާއި، ބަޖެޓުގައި ހިމެނި ދޫކުރަން ޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައި އޮތުމުން، ބަޖެޓު ފާސްވުމާއި އެކު އެ ފައިސާ ދިނުން އެއްވެސް ސަބަބަކާ ހުރެ ލަސް ނުކުރެވޭނޭ ކަމަށެވެ.
އަދި އެމްޑީޕީން ދެކޭ ގޮތުގައި އެ ފައިސާ ދައުލަތުން ހޯއްދަވައި ދެއްވުމަކީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން ކޮށްދެއްވަން ޖެހޭ ކަމެއް ކަމުގައި ވެސް ސިޓީގައި ވެ އެވެ.
އެމްޑިޕީއަކީ އެ ކޮމިޝަނުގެ ދަފުތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީކަމަށްވެފައި، އަދި ޕާޓީ ހިންގުމަށްޓަކައި އިދާރީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ، ދައުލަތުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސް ވުމަކީ ދުޅަހެޔޮ ގޮތުގައި ޕާޓީ ހިންގުމަށް ހުރަސް އެޅި ސިޔާސީ ޕާޓީތައް ދަރަނިވެރިވާނެ ކަމަކަށްވާތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓުން ލިބެންވާ ފައިސާ ސިޔާސީ ޕާޓިތަކުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހޯއްދަވައި ދެއްވުމަށް އެ ސިޓީގައި ވެ އެވެ.