Last Updated: June 28, 04:10
Sunday, June 28, 2026
ޚަބަރު

"އެދުނު މަޝްރޫއުތައް ހިމަނާ ނަމަ ވޯޓް ދޭނަން"

ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރީހިމް ދީދީ ހުށައެޅި މަޝްރޫއުތައް ހިމަނައިފިނަމަ ބަޖެޓު ފާސް ކުރުމަށް އޭނާ ވޯޓު ދޭނެ ކަމަށް ބްރިގޭޑިއާ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ބަޖެޓު ފާސްކުރުމުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދާ ވަގުތުގައި ޑީޑީ އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ބަޖެޓަކީ ވޯޓު ދެއްވަން ޖެހޭ ސަބަބުތަކާއި ވޯޓު ނުދެއްވަން ޖެހޭ ސަބަބު އެކުލެވޭ އެއްޗެއް ކަމަށެވެ.

ނަމަވެސް އޭނާ ތަމްސީލުކުރާ ދާއިރާ، އަދި އުފަން އަތޮޅު، އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާނަމަ އަތޮޅުގެ ތަރައްގީއަށް ހުރަސްއަޅާނެ ދަރިއެއް ކަމުގައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޑީޑީ ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުންތަކަކީ ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމަށް އެޅޭ ހުރަހެއް ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ.

ޑީޑީ ވިދާޅުވީ އައްޑޫގެ މަގު ހެދުމާއި، ފެނާއި ނަރުދަމާ އަދި ހޮސްޕިޓަލްގެ މަސައްކަތް ބެޖެޓްގައި ހިމެނިފައިވާނަމަ އެއަށް ވޯޓު ދޭނެ ކަމަށެވެ.

ބެޖެޓު ފާސްކުރުމަށް ވޯޓު ދިނުމަކީ ސަރުކާރާ އެއްކޮޅަށް އެރުން ނޫން ކަމަށާއި އިދިކޮޅު މެމްބަރުންނަށް ވުމަކީ ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ފޭލު ކުރަން ލިބޭ ފުރުސަތެއް ކަމުގައި ހަދައިގެން ނުވާނެކަމަށްވެސް ޑީޑީ ވަނީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

އައްޑޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ބަހުސްގައި ޑީޑީ ވަނީ އޭނާގެ ސިޔާސަތުތަކަށް ތާއިދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ ފަހަރެއްގައިވެސް ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ތާއިދު ކުރާ ވާހަކައެއް ނޫން ކަމަށް ޑީޑީ ވަނީ ތަކުރާރުކޮށްފައެވެ.

ބަޖެޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ހުށައެޅި މަޝްރޫއުތައް ހިމަނައިފިނަމަ ވޯޓު ދޭނެ ކަމަށް ވިދާޅުވެފައިވިނަމަވެސް ޑީޑީ އެމަޝްރޫއުތަކާއި ބެހޭ ތަފްސީލެއް ދެއްވާފައެެއް ނުވެއެވެ.

ނަމަވެސް ޑީޑީ ވަނީ ހިތަދޫގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް އޭނާގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދަވަމުންނެވެ.