Last Updated: June 28, 04:10
Sunday, June 28, 2026
ޚަބަރު

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްފި

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް މަޖިލީހަށް ހުށައެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މިއިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ބައިވެރިވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓާއެކު އިސްލާހު ވަނީ ފާސްވެފައެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ 26 މެމްބަރުންނެވެ.

އިސްލާހު މަޖިލީހަށް ހުށައެޅުމުން ކުރި ބަހުސްގައި އިދިކޮޅު މެމްބަރުންވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްގެން ނުވާނެ ކަމަށެވެ. ގައުމު އިސްކުރައްވައި މިއަދުން މިއަދަށް މި ގާނޫނަށް އަމަލުކުރުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

ހުކުމް ކުރުމުގައި އިޖްރާއަތުތަކަށް ތަބައު ނުވެ ކުރާ ހުކުމްތަކަށް ގިނަބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން މިގާނޫނަށް އަމަލު ކުރުން ޖުލައި މަހަށް ފަސްކުރުމަށް ހުށައަޅާފައެވެ.

ސަރުކާރުގެ ސައްހަ މެޖޯރިޓީ މަޖިލީހުގައި އޮވެމެ، އެއްވެސް ދަތިކަމެއް ނެތި އެހެން ބިލުތަކެކޭ އެއްފަދައިން މިބިލުވެސް ފާސްކުރެވިފައިވާއިރު އިދިކޮޅު މެމްބަރުންގެ ފާޑުކިޔުންތައް ކެނޑިނޭޅި އަމާޒުވަމުން ދެއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށައެޅި މިއިސްލާހު ފާސްވުމާއެކު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވާލެވިފައެވެ.