އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ އަދަދު އިތުރު ކުރުމަށް ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނަށް ހުށައެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ. އޭނާ ހުށައެޅި އިސްލާހުގައި ފަތަވާ މަޖިލީހަށް މީހުން އިތުރުކުރުމުގެ އިތުރުން އިތުރު ދެއިސްލާހުވެސް ހުށައަޅާފައިވެއެވެ.
ފުރަތަމަ އިސްލާހަށް އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެމްބަރަކު އައްޔަން ކުރާ މާއްދާ އުނިކުރުމަށް ހުށައަޅާފައިވެއެވެ. ދެވަނަ ކަމަކަށް ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން ރައީސް ކަނޑައަޅުއްވާ މެންބަރަކު އައްޔަން ކުރެވޭ ގޮތަށް މާއްދާއެއް އިތުރު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ހުށައަޅާފައި ތިންވަނަ އިސްލާހަކަށް ރައީސުލް ޖުމުހޫރިއްޔާއަށް ފަތަވާ މަޖިލީހަށް އައްޔަން ކުރެވޭ މެމްބަރުންގެ އަދަދު ދޭކުން ތިނަކަށް އިތުރުކުރުމަށް ހުށައަޅާފައިވެއެވެ.
ބިލާ އެއްކޮޅަށް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 43 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 23 މެމްބަރުންނެވެ.
މި އިސްލާހު ފާސްވުމުން މިމަޖިލީހުގައި ދެން ތިބޭނީ 4 މެމްބަރުންނެވެ. އެއީ ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރާ ތިން މެމްބަރުންގެ އިތުރުން އިސްލާމިކް މިނިސްޓަރު އައްޔަން ކުރާ މެމްބަރެވެ.