Last Updated: June 28, 04:05
Saturday, June 27, 2026
ސިޔާސީ

ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ލޯޔަރު ވައްޑެ)، މާފުކޮށްދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލި ކްލެމެންސީ ބޯޑު ވަކިކުރުމަށް ހުށައެޅި ގަރާރު މިއަދު ފާސްކޮށްފި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށައެޅި މިގަރާރާ އެއްކޮޅަށް ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 43 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އިދިކޮޅަށް ވޯޓު ދެއްވާފައިވަނީ 25 މެމްބަރުންނެވެ.

ވައްޑެ ވަކިކުރުމަށް ހުށައެޅި ގަރާރުގައި އަލީ އާރިފް ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށާއި ބޯޑުގައި މަޖިލިސް ތަމްސީލު ކުރުމުގައި އެކަށީގެންވާ ރޯލެއް އޭނާގެ ފަރާތުން ފެނިގެން ނުދާ ކަމަށެވެ.

ބޯޑުގެ މެމްބަރު ކަމުން މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށް ވުމުން، އާރިފް ހުށައަޅާފައިވަނީ ވައްޑެ މަގާމުން ވަކިކުރުމަށް މަޖިލިސް މެމްބަރުން ލަފާ އެރުވުމަށެވެ.

އެގާރަ މެމްބަރުން އެކުލެވޭ މިބޯޑުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރާ ހަމައެކަނި މެމްބަރަކީ ވައްޑެއެވެ.

އިތުރު ދާއިރާތަކުން ބޯޑުގައި ތިއްބަވަނީ ޝަރުއީ ދާއިރާ، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ދީނީ ދާއިރާ، ގާނޫނީ ދާއިރާ، އިޖުމާއީ ދާއިރާ، ޕެރޯލް ބޯޑުގެ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާތަކުން އައްޔަން ކުރާ މެމްބަރަކާއި ފުލުހުންގެ ތެރެއިން ކަމަށް ހާއްސަ ބޭފުޅެކެވެ.