މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ދީފި އެވެ.
މެންކަށް އިސްލާމީ މަރުކަޒުގައި ހުތުބާ ދިނުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އެދުމުން މިނިސްޓްރީއިން ދީފައިނުވާއިރު އެނިންމުން އަނބުރާ ގެންގޮސް ހުއްދަ ދީފައިވަނީ ގިނަ ބަޔަކު އެގޮތަށް އެދުމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދާއި ޚުތުބާ ވަގުތުން ދުރަށް ދައްކާތީވެ އެމަރުކަޒުގައި ދެވޭ ޚުތުބާއަކީ ދިވެހި ބަހުން ދޭން ޖެހޭ ޚުތުބާއެއް ކަމުގައި މިނިސްޓްރީ އިން ވަނީ އަންގާފައެވެ. އެސަބަބަށްޓަކައި މެންކްއަށް ހުކުރު ޚުތުބާ ކުރަން ހުއްދަ ނުދީ ހިފެހެއްޓި ނަމަވެސް މިނިސްޓްރީއިން ވަނީ މިހާރު ހުކުރު ކުރުމާއި ޚުތުބާ ދިނުމުގެ ހުއްދަ މެންކްއަށް ދީ، އެހެން ހުކުރު ދުވަސްތަކެކޭ އެއްފަދައިން ހުތުބާއާއި ހުކުރު ނަމާދު ޓީވީ އިން ލައިވްކޮށް ދުރަށް ދެއްކުމަށްވެސް ހަމަޖެހިފައިވެއެވެ.
މުފްތީ މެންކު ފަދަ ބައިނަލްއަގުވާމީ ގޮތުން ދަރުސް ދިނުމާއި ތަގުރީރުތަކުން މަޝްހޫރުވެފައިވާ ދީނީ އިލްމުވެރިޔަކަށް ހުތުބާ ދިނުމުގެ ހުއްދަ މިނިސްޓްރީއިން ނުދިނުމުން ގިނަ ބަޔަކުވަނީ އެނިންމުމަށް ފާޑު ކިޔާފައެވެ. ނަމަވެސް މިނިސްޓްރީއިން ވަނީ މެންކްއަށް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ތަގްރީރު ކުރުމުގެ ހުއްދަ ކުރިންވެސް ދީފައެވެ.
މިނިސްޓްރީ އިން ވާހަކަ ދެއްކެވި، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިވަނީ ހުކުރު ހުތުބާ ދިނުމަށް ހުއްދަ ނުދިނީ އެއީ އެންމެހާ ދިވެހިންނަށް ފޯރު ކޮށްދެވޭ މެސެޖަކަށް ވުމާއެކު މީގެ ކުރިންވެސް އިނގިރޭސިން ހުތުބާ ދިނުމުން ބައެއް މީހުން އެކަމާ ޝަކުވާ ކުރުމުގެ ސަބަބުންނެވެ.
މުފްތީ މެންކު ވަނީ މީގެ ކުރިންވެސް ރާއްޖެ އައިސް އައްޑޫގައިވެސް ވަރަށް ފުރިހަމ ތަގުރީރެއް ދެއްވާފައެވެ.