Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހިތަދޫ މީޑިއާ ސެންޓަރުގެ މައްސަލާގައި ސަމަރޭގެ މައްޗަށް ދައުވާ!

ހިތަދޫ މީޑީއާ ސެންޓަރު ހިންގި އިމާރާތުގައި ހިންގާ އައިލެންޑް ޓީވީ އޮފީސް. ފޮޓޯ/ ހަވީރު

ދިވެހި ރާއްޖޭގެ އަޑުން ސ. ހިތަދޫގައި ކުރިން މީޑިއާ ސެންޓަރު ހިންގި އިމާރާތުގެ ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔެއް ނެތް ގޮތަށް ދިން މައްސަލައަކާ ގުޅިގެން ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ)ގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫގައި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށް ދިނުމަށް މޯލްޑިވްސް އިލެކްޓްރޯނިކް ސާވިސަސް ކޮމްޕެނީ (މެސްކޯ) ހިއްސާވާ ގޮތަށް އައިލެންޑް ޓީވީ އަށް 2003- 2009 ވަނަ އަހަރުގެ ނިޔަލަށް މީޑިއާ ސެންޓަރުގެ އިމާރާތާއި އެންޓަނާ ދީފައި ވަނީ ކޮން އުސޫލަކުންކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އަދި ވެފައިވާ އެއްބަސްވުމެއް ވެސް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފެންނަން ނެތް ކަމަށެވެ.
އަދި ލިބިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލާއިރު މި ތަންތަން މެސްކޯ އަށް ދީފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި އަދި ކުއްޔަކާ ވެސް ނުލައިކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން އަދި ބުނީ އެ މުއްދަތުގައި މެސްކޯ އިން އެ އިމާރާތުގެ ދެ ބައިކުޅަ އެއް ބައި ވިޔަފާރި އުސޫލުން ބޭނުންކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މި ތަނުގެ ކުއްޔަކީ 5،000ރ. ކަމަށް ބުނެފައިވާ އިރު ހަ އަހަރުގެ ތެރޭގައި ދައުލަތަށް 360،000ރ. ލިބެން ޖެހޭ ކަމަށް ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މެސްކޯ އިން ބޭނުންކުރި އިމާރާތުގެ ކަރަންޓާއި ފެން ވެސް ހުރީ ވަކިނުކޮށް ކަމަށާއި މީގެ ސަބަބުން އެ އިމާރާތުގައި މެސްކޯ އިން ބޭނުންކުރި ކަރަންޓާއި ފެނުގެ ހަރަދަށް ވެސް ދައުލަތުގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ ދައްކާފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ އިމާރާތުގެ ކަރަންޓް ބިލިގެ ދެ ބައިކުޅަ އެއް ބައި މެސްކޯ އިން ދެއްކިކަން އެނގޭ ކަމަށާއި ނަމަވެސް 821،076ރ. ދައުލަތަށް ލިބެންޖެހޭ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި އަދި ބުނެފައި ވަނީ އެއްވެސް އުސޫލެއް ނެތި އަދި ކުއްޔަކާ ނުލައި މެސްކޯ އަށް އެ އިމާރާތް ދިނުމަށް މުއާމަލާތްކުރައްވާފައި ވަނީ އިބްރާހީމް މަނިކުކަން ތަހުގީގަށް އެނގޭ ކަމަށެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާތީ އިބްރާހީމް މަނިކުގެ މައްޗަށް ކޮރަޕް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކޮށްދިނުމަށް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ.

އެ އިމާރާތުގައި "އައިލެންޑް ޓީވީ" ހިންގާ ބައި ފަހުން އައްޑޫ ސިޓީ ކައުންސިލުން ވަނީ 10 އަހަރުގެ މުއްދަތަށް އައިލެންޑް ޓީވީ އަށް މަހަކު 15،000ރ. އަށް ކުއްޔަށް ދީފަ އެވެ.