Last Updated: June 28, 04:05
Saturday, June 27, 2026
ޚަބަރު

ޖެނުއަރީ އާ ހަމައަށް އެމްއެމްއޭ އިން ޑޮލަރު ވިއްކަނީ

މާދަމާއިން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދިވެހި ރައްޔިތުންނަށް ޑޮލަރު ވިއްކާނީ ހަމައެކަނި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކަމަށް އަންގައިފި އެވެ.

ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުންނަށް ޑޮލަރު ވިއްކަން އެމްއެމްއޭ އިން ނިންމާފައިވާކަން އަންގާފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު ޑރ.އަޒީމާ އާދަމްއެވެ.

ޖަނަވަރީ 7 ވަނަ ދުވަހުން ފެށިގެން ޓިކެޓުތަކަށް ޑޮލަރު ވިއްކާނީ އެއާޕޯޓުގައި ހުންނަ ބެންކް އޮފް މޯލްޑިވްސްގެ ބްރާންޗު މެދުވެރިކޮށް ފުރާ ޓާމިނަލް އިން ކަމަށް އަޒީމާ ވިދާޅުވެފައިވެއެވެ.

ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 ދެމެދު އެމްއެމްއޭ އިން ޑޮކިއުމެންޓު ޗެކް ކުރުމަށްފަހު ސްލިޕެއް ހޯދުމުންނެވެ. ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ފެށިގެންނެވެ.

ހަފްތާއެއްގެ ތެރޭގައި ފުރާ ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ މީހަކަށްވެސް ގިނަވެގެން ގެނެވޭނީ 5 ޓިކެޓެވެ.

ޗުއްޓީ ބަންދާ ދިމާކޮށް ގިނައަދަދެއްގެ ދިވެހިން ރާއްޖެއިން ބޭރަށް ފުރަމުންދާއިރު ހަފްތާއަކު 1.2 މިލިޔަން ޑޮލަރު ބެންކުތަކުން ވިކެމުންދާ ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.

މާލޭގައި މިގޮތަށް އަމަލު ކުރި ނަމަވެސް އަތޮޅު ތެރޭގެ ބޭންކުތަކުން ކުރިއެކޭ އެއްފަދައިން މިހާރުވެސް ބޭންކުން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.