Last Updated: June 28, 04:05
Saturday, June 27, 2026
ކުޅިވަރު

ފަހު ވަގުތު ޖިރޫޑް ޖެހި ގޯލާ އެކު އާސެނަލަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

މުޅި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޔުނައިޓެޑަށް އަނެއްކާވެސް އަމިއްލަ ދަނޑުގައި ހިތްދަތިކަމެއް ލިބިފައިވާއިރު މިއީ ޔުނައިޓެޑު ހޯމްގައި އެންމެ ފަހަކަށް ކުޅުނު ތިން މެޗުން އެއްވަރުވީ ތިންވަނަ ފަހަރެވެ.

ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު ޔުނައިޓެޑު ވަނީ މަދުން ނަމަވެސް ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އާސެނަލްއަށް ގޯލާ އަމާޒަށް ހަމަލާއެއް ފޮނުވާނުލެވިއެވެ.

ދެވަނަ ހާފު ފެށިގެން ޔުނައިޓެޑު ވަނީ ފުރަތަމަ ހާފަށްވުރެ ވެސް ކުޅުން ރަނގަޅުކޮށް ގޯލު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޔުއަން މަޓާ ވަނީ ގޯލު ޖަހާފައެވެ.

ގޯލަށް ފަހުވެސް އާސެނަލްއަށް ފުލުފުލުގައި ބޯޅަ ދިފާއު ކުރަން ފަހަތަށް ފައިބަން ޖެހުނުއިރު ގޯލަށް ނުރައްކާ ކުރެވޭނެ ފުރުސަތެއް ހެދިފައެއް ނުވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައިވަނިކޮށް އާސެނަލްގެ ބެންޗުން ކުޅެން ނިކުތް އޮކްސްލޭޑް ޗެމްބަލެއިން ނަގާދިން ހުރަހަކުން އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ ޖިރޫޑެވެ. ޖިރޫޑުވެސް މެޗުގައި ބައިވެރިވެފައިވަނީ ބެންޗުން ކަން ފާހަގަކޮށްލެވެއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ތާވަލުގެ ކުރިއަށް ދިއުމަށް އިތުރު ހުރަސްތަކެއް މިމެޗުން އެއްވަރުވުމުން ކުރިމަތިވެފައިވާއިރު އާސެނަލްއަށް ލިބުނު ޕޮއިންޓާއެކު މިވަގުތަށް ހަމަޖެހިލެވޭނެއެވެ. 25 ޕޮއިންޓާއެކު ތިންވަނައަށް އާސެނަލް ޖެހިލާފައިވާއިރު 19 ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ހަ ވަނައިގައެވެ.