ބޭންކް ކައިރީ ދިގު ކިއު ހެދި އެންމެ ފަހުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޑޮލަރު ވިއްކަން އިއްލާން ކުރުމުން ރާއްޖެ ބަނގުރޫޓް ވެއްޖެކަމަށް ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ބޮޑު ޗުއްޓީ އާއި ދިމާކޮށް އެތައް ބަޔަކު ރާއްޖޭން ބޭރަށް ދިއުމަށް ބޭރު ފައިސާ ގަތުމަށް ބޭންކުތައް ކައިރީ ވަނީ ކިއު ދަމާލާފައެވެ. ބައެއް މީހުން ރޭގަނޑު ދަންވަރުން ފެށިގެން ކިއު ޖެހިގެން ޑޮލަރު ހޯދުމަށް ދަނީ އިންތިޒާރު ކުރަމުންނެވެ.
މަލީހް ވިދާޅުވީ ރާއްޖޭގެ ބޭންކް ތަކުން ޑޮލަރު ހުސްވެ، އެންމެ ފަހުން އެމްއެމްއޭއިން ޑޮލަރު ވިއްކަން އިއްލާން ކުރުމުން ރާއްޖެ ބަނގުރޫޓް ވީ ކަން އިއްލާންވީ ކަމަށެވެ.

މަލީހް މިގޮތަށް ވިދާޅުވިއިރު ސޯޝަލް މީޑިއާގައި، ރާއްޖޭގެ ބޭންކްތަކުން އެމްއެމްއޭގައި ބެހެއްޓިފައިވާ ރިޒާފް ފަންޑް ޖީއެމްއާރަށް ދީފައިވާކަމަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެމްއެމްއޭއިން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
އެމްއެމްއޭއިން ވަނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ޑޮލަރު ވިއްކާނެކަން އިއްލާންކޮށްފައެވެ.