ސްޕެނިޝް ލަލީގާގައި މެޑްރިޑް ޑާބީ ރޭ ކުޅެވުނު އިރު، ރޮނާލްޑޯގެ ހެޓްރިކާއެކު 0-3 އިން ރިއަލް އެތްލެޓިކޯ ބަލިކޮށް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ރިއަލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖަހާފައިވަނީ ހެޓްރިކް ހެދި ކްރިސްޓިއާނޯއެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 އިން ކުރީގައި އޮވެ ނިންމާލާފައިވާއިރު ރިއަލްގެ އިތުރު ގޯލުތައް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. 71 ވަނަ މިނެޓުގައި ރޮނާލްޑޯ ގޯލު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.
5 މިނެޓު ފަހުން އޭނާ ވަނީ 3 ވަނަ ގޯލާއެކު ހެޓްރިކް ހަދާފައެވެ. މިސީޒަނުގައި ފާއިތުވެދިޔަ މެޗުތަކުގައި ރިއަލް އަދި ރޮނާލްޑޯއަށްވެސް ފާޑުޖިޔުންތައް އަމާޒުވެފައިވާއިރު ރޭގެ މެޗު ކާމިޔާބުކޮށް، ރޮނާލްޑޯ ހެޓްރިކް ހަދައި ފާޑުކިޔުންތެރިންނަށް ވަނީ ދަނޑުމަތިން ރައްދު ދީފައެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ރިއަލް ވަނީ 30 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ބާސާ އަދި މަލާގާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ނިމުމުން ލިބުނު ޕޮއިންޓާއެކު ބާސާ އޮތީ 26 ޕޮއިންޓާއެކު ދެވަނައިގައެވެ. 24 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ސެވީއާއެވެ.
ނަމަވެސް ހަތަރުވަނައިގައި އޮތް ވިލަރެއާލް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއް ޕޮއިންޓު ކުރިއަށް ޖެހި ސެވީއާ ހަތަރުވަނައަށް ވެއްޓޭނެއެވެ. ރޭ މެޗުން ބަލިވެ އެތްލެޓިކޯ ވަނީ ތާވަލު ފަސް ވަނައަށް ވެއްޓިފައެވެ.