ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަހަށް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ކޮށްދިނުމަށް އެދި ޕީޕީއެމް އިން ކޯޓަށް ހުށައަޅައިފިއެވެ.
ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގެ ފަރާތުން އިއްޔެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ޕާޓީ ހިންގުމަށް އުނދަގޫތަކެއް ދިމާވެފައިވާތީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައި އޮތް ތާރީޚަށް އިންތިޚާބު ބޭއްވުމަށް ޕާޓީއިން ވާން ޖެހޭ ތައްޔާރީތައް ވުމުގެ ފުރުސަތެއް ލިބިފައި ނުވާ ކަމަށެވެ.
ޕީޕީއެމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް "އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެދާނެ" ކަމަށް ބުނެ އެވެ.
އެއީ އެ ޕާޓީގެ ހިންގުމަށް ދިމާވި މައްސަލަތަކާއި ޕާޓީގެ ޑާޓާ ބޭސް ނެތުމާއި މެމްބަރުންގެ ދަފްތަރު ނެތުން ފަދަ މައްސަލަތައް ނެތުމުން ކަމަށް ފާހަގަކޮށްފައިވެ އެވެ.