ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ދުވަސް ގާނޫނުގައި ކަނޑައެޅިފައި އޮންނައިރު ކޯޓުތައް މެދުވެރިކޮށް އިންތިޚާބު ފަސްކުރުމަކީ އިންސާފު ނަގާލުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށައަޅައިގެން އިންތިޚާބު ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައިވަނީ އެޕާޓީއަށް އިންތިޚާބަށް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާތީ ކަމަށް ބުނެއެވެ.
އިންތިޚާބަށް ރީރަޖިސްޓްރީ ކުރުމާއި އިންތިޚާބު ބޭއްވުން ސިވިލް ކޯޓުގެ އަމުރަކުން ފަސްކުރެވިފައިވާއިރު "ސަންގު ޓީވީ" ގައި އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފުއާދު ވިދާޅުވެފައިވަނީ ވަކި ބަޔަކަށް ފައިދާ ވާނެހެން ކޯޓުތައް މެދުވެރިކޮށް އިންތިޚާބު ފަސްކުރުމަކީ ވާދަކުރާ އެހެން ޕާޓީތަކަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފަކަށެވެ.
އިންތިޚާބުތަކަށް ކޯޓުތަކުގެ ނުފޫޒު ވަނުމަކީ އިންތިޚާބު އިންސާފުވެރި ވުމުން އެއްކިބާ ވާ ކަމެއް ކަމުގައިވެސް ފުއާދު ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުވެސް ބާއްވަން ޖެހޭ ތާރީޚު ސުޕްރީމް ކޯޓު މެދުވެރިކޮށް ފަސްކުރި ކުރުން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާ ބައެއް ނިންމުންތަކާމެދު ވަރަށް ބޮޑަށް ހައިރާންވާ ކަމަށް ފުއާދު ވިދާޅުވެފައިވެއެވެ. އޭނާ ކޮމިޝަނުގެ ރައީސަކަށް ހުންނެވިއިރު ކޮމިޝަނުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާއި މިހާރު އެއާ ވަރަށް ބޮޑަށް ތަފާތު ކަމަށް ފުއާދުގެ ބަސްތަކުން ފާހަގަ ކުރެވެއެވެ.