Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އިންސާނީ ވަގުފާރި ކުރި ތިން ބިދޭސީއަކު 10 އަހަރަށް ޖަލަށް

ކ-ވ: އެމް.ޑީ ސައިމް މޮއްލާ (38އ) އާއި ޢަބްދުލްމަލަކު(32އ) އާއި ބާދުޝާ (46އ) -

މީހުން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި 3 ބިދޭސީއަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ 3 މީހުން ކަމަށްވާ އެމް.ޑީ ސައިމް މޮއްލާ (38އ) އާއި ޢަބްދުލްމަލަކު(32އ) އާއި ބާދުޝާ (46އ) އެވެ.

މި 3 މީހުންގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝް އަންހެނަކު ރާއްޖެ ގެނެސް އޭނާ ޓްރެފިކް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ ޙުކުމްގައި ބުނަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝްގެ ރައްޔިތަކު މާލެގެނެސް އޭނާ ޓްރެފިކްކުރުމުގަ ދަޢުވާ ލިބޭ ތިން މީހުން އެންމެ ފުރިހަމަގޮތުގައި ބައިވެރިވެފައިވާކަން މި މައްސަލައިގަ ލިބިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 12/2013 މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، މީހުން ޓްރެފިކްކުރުމުގެ ކުށުން ބާދުޝާ އާއި އެމް.ޑީ ސައިމް މޮއްލާ އާއި ޢަބްދުލްމަލަކު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުޤާބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ)ގެ ދަށުން ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް ޤަޟިއްޔާ ނިންމާކަމަށް ޙުކުމްގައި ވެއެވެ.

މިއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު 2013 ވަނަ އަހަރު ވުޖޫދަށްއައުމަށްފަހު ހިއުމަން ޓްރެފިކުރުމާއި ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅުނު އަދި ފުލުހުން ތަހުޤީޤުކޮށް ނިންމާ ދަޢުވާކުރަން ފޮނުވި މިފަދަ ފުރަތަމަ މައްސަލައެވެ. އަދި މިފަދަ މައްސަލައެއްގައި ބައެއްގެ މައްޗަށް ދަޢުވާކޮށް ޝަރީއަތުން ޙުކުމްކުރި ފުރަތަމަ މައްސަލަކަން ފާހަގަކޮށްލެވެއެވެ.