Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ރޭޕް ކުރާ އަންހެން ކުދިންނާ ކައިވެނި ކުރަން ޖެހޭ ބިލެއް

ކުޑަކުދިން ރޭޕްކުރާ މީހުންނަށް އެކުދިންނާއި ކައިވެނި ކުރުން ހުއްދަކޮށްދޭ ބިލާއި ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގެ ތެރެއިން - ފޮޓޯ: އޭޕީ

ކުޑަކުދިންނާއިއެކު ޖިންސީ ގުޅުން ހިންގާ ފިރިހެނުން އެކުދިންނާއި ކައިވެނި ކުރުމުން، އެމީހުންނަށް މަޢާފް ލިބިދޭ ބިލް ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދްރިމް އަނބުރާ ގެންދަވައިފިއެވެ.

އެ ބިލަކީ އެޤައުމުގެ ޤާނޫނީ ނިޒާމަށް ގެނެވުނު އިސްލާޙުތަކުގެ ތެރެއިން އެއް ކަމެވެ. އެހެންނަމަވެސް، މަޖިލީހުގެ އެންމެ ފަހުގެ ވޯޓްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެބިލް ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

އެބިލުގެ ސަބަބުން ތުރުކީގައި ވަނީ ހަމަނުޖެހުން ފެތުރި އަދި ބޭރު ޤައުމްތަކުގެ ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.

ފާޑުކިޔުންތެރިން ބުނާގޮތުގައި އެބިލުގެ ސަބަބުން ކުޑަކުދިން ރޭޕްކުރުން ޤާނޫނީ ގޮތުން ހުއްދަކޮށްދޭނެ ކަމަށާއި އަދި ކުޑަ އަންހެން ކުދިންނާއި ކައިވެނި ކުރުމަށް އެއްބާރުލުން ދެވޭނެ ކަމަށެވެ.

އދ ގެ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން ޖިންސީ ގޯނާއާއި ކުޑަކުދިންނާއިއެކު ކުރެވޭ ކައިވެނިތަކާއި ދެކޮޅަށް އެޤައުމުން މަސައްކަތް ކުރުމުގެ ޤާބިލުކަމަށް ގެއްލުން ލިބިދޭނެ ކަމަށް ބުނެ، އެބިލް ފާސް ނުކުރެއްވުމަށް ގޮވާލައްވާފައެވެ.

އެހެންނަމަވެސް އެޤައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެބިލުގެ މައިގަނޑު މަޤްސަދަކީ، ކުޑަ އަންހެން ކުދިންނާއި ކައިވެނި ކުރުމަށް އެކުދިން ނުވަތަ އެކުދިންގެ އާއިލާއިން ރުހޭނަމަ، ހައްޔަރުކުރެވިފައިވާ ފިރިހެނުން އެކަމަށްޓަކައި ދޫކުރުން ކަމަށެވެ.

ޑްރާފްޓް ކުރެވިފައިވާ އެޤާނޫން ދެން ރައްދުކުރެވޭނީ، އިކިކޮޅު ފަރާތްތަކާއި މުޖުތަމަޢުގެ ޚިޔާލުތަކަށް ރިޢާޔަތްކުރާ ކޮމިޝަނަކަށް ކަމަށް ޔިލްދްރިމް ވިދާޅުވިއެވެ.

އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އެއްބަސްވާ ގޮތަކަށް ކަންތައްތައް ކުރެވި، އިދިކޮޅު ޕާޓީތަކަށް އެޕާޓީތަކުގެ ހުށައެޅުންތައް ތައްޔާރު ކުރުމަށް ވަގުތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.