މޫނުމަތީ މާސްކް އަޅައިގެން ތިބި ބަޔަކުވަނީ ޤަތަރުގެ ދެ އަންހެނުންނާއި އެމީހުންގެ ޑްރައިވަރުގެ ފަރާތުން، އުތުރު ޕެރިސްގެ މޮޓޯވޭއެއްގެ މަތިން ފަސް މިލިއަން ޔޫރޯ (5.6 މިލިއަން ޑޮލަރުގެ) އަގުހުރި މުދާ ފޭރިގެންފައި ކަމަށް ފުލުހުން ބުނެފިއެވެ.
އެއްބަނޑު އެއްބަފާ އެދެއަންހެނުން އެމީހުންގެ ބެންޓްލީގައި ހޯމަ ދުވަހުގެ ހަވީރު ލި ބޯޖެޓް އެއާޕޯޓުން ދަނިކޮށް، ގަދަކަމުން އެމީހުންގެ ކާރު ހުއްޓުވައި ކަރުނަ ގޭސް އެމީހުން ގަޔަށް ޖެހިއެވެ.
"ވެހިކަލްގައި ހުރި ހުރިހާ އެއްޗެއް: ގަހަނާ، އަންނައުނު، ލަގެޖު" ފޭރިގެންފައިވާ ކަމަށް ފުލުހުން ވަނީ އޭއެފްޕީއަށް މަޢުލޫމާތު ދީފައެވެ.
ހަމަ އެސަރަޙައްދުން ސައުދި އަރަބިއާގެ ރަސްދަރިކަލެއްގެ ކިބައިންވެސް ވަނީ މީގެ ދެއަހަރުގެ ކުރިން ފޭރިގެންފައެވެ.
ލި ބޯޖެޓްއަކީ ޔޫރަޕްގެ "އެންމެ ޕްރިމިއާ ވިޔަފާރި އެއާޕޯޓް"ގެ ނަމުގައި އިޝްތިހާރުވާ އެއާޕޯޓެކެވެ.
ފްރާންސްގެ ޑިޖިޓަލް ޓީވީ ސްޓޭޝަން ކަމަށްވާ ބީއެފްއެމްޓީވީއާއި ވާހަކަ ދެއްކި މީހަކު ބުނީ ޚިދުމަތްދޭ ސްޓޭޝަންއެއްގެ ކައިރިން އެއަންހެނުން ތިބި ކާރު ހުއްޓުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ އެމޮޓޯވޭގެ، ޓްރެފިކްގައި ޖެހިގެންތިބޭ މުއްސަނދި ބިދޭސީން ނުވަތަ ލަގްޒަރީ ކާރުތަކުން ވައްކަން ކުރުން އާންމު ފަޅީގައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު، އިރުމަތީ އޭޝިއާގެ އާޓް ކަލެކްޓާއެއްގެ ޓެކްސީގެ ކުޑަދޮރުން ތިން މީހަކު ވަދެ، އޭނާގެ އަތުން ހަތަރު މިލިއަން ޔޫރޯގެ އަގުހުރި ގަހަނާ ވަނީ ނަގާފައެވެ.
އަދި ހަމަ އެހެންމެ 2014 ވަނަ އަހަރުގެ އޮގަސްޓް މަހު، ސައުދީ ރަސްދަރިކަލަކު ލި ބޯޖެޓް އެއާޕޯޓަށް ދަނިކޮށް، އޭނާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކާރުތަކަކަށް ހަމަލާދީ، 250،000 ޔޫރޯ ވަނީ ވަގަށް ނަގާފައެވެ.
މިދިޔަ މަހު އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކަމަށްވާ ކިމް ކާޑޭޝިއަންވެސް އޭނާ ޕެރިސްގައި ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގައި ހުއްޓާ، ބަޑި ދިއްކުރުމަށްފަހު އޭނާގެ އަތުން ވަނީ ހަ މިލިއަން ޔޫރޯގެ އަގުހުރި ގަހަނާތައް ވަގަށް ނަގާފައެވެ.
މިމަހުގެ ކުރީކޮޅު، ފްރާންސްގެ ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފަންޑިން ދޭނެކަމަށް ބުނެ، އިތުރު ސީސީޓީވީ ކެމެރާތައް ސިޓީގައި ވަގުން އަމާޒުކުރާ ސަރަހައްދުތަކުގައި ހަރުކުރާނެ ކަމުގެ ވަޢުދު ވެފައެވެ.