އެމެރިކާގެ ޓެކްސަސްގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން އަންނަ ވެއިޓަރެއް، އުތުރު އަޔަލޭންޑްގައި ދިރިއުޅެމުން އަންނަ އޭނާގެ އާއިލާ ނުދެކޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ވާހަކަ ބުނުމުން، އޭނާ ޚިދުމަތް ދިން ކަސްޓަމަރަކު އޭނާއަށް 750 ޑޮލަރު (605 ޕައުންޑް) ގެ ޓިޕެއް ދީފި އެވެ.
އުމުރުން 22 އަހަރުގެ ބެން މިލާ ބުނީ ހޮނިހިރު ދުވަހު އޭނާ ޚިދުމަތް ދިން ފިރިހެން މީހާއަށް ކިޔަނީ ޖެފްރީ ކަމަށާއި، އެދެމީހުން ވާހަކަ ދައްކަމުން ދިޔައީ އަޔަލޭންޑާއި ބެހޭގޮތުން ކަމަށެވެ.
ޖެފްރީ ބުނީ އޭނާ ވަރަށް ގިނައިން އަޔަލޭންޑްއަށް ޒިޔާރަތް ކުރާ ކަމަށެވެ. އަދި މިލާ ބުނީ އޭނާ އުންމީދު ކުރަނީ ގިނަގިނައިން އޭނާގެ އާއިލާ ދެކިލުމަށެވެ.
"މީގެއިން ޗުއްޓީގައި އާއިލާ ގާތަށް އަޔަލޭންޑްއަށް އަނބުރާ ދެވޭނެކަމަށް އުންމީދު ކުރަން"، އެރޭ ޖެފްރީ ކެއުމަށްފަހު ފައިސާ ދެއްކި ބިލުގެ ތިރީގައި އޭނާ ލިޔުނެވެ.
އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކައަށްފަހު، ޖެފްރީއާއި އޭނާގެ އާއިލާއަށް އެރޭ މުޅިންވެސް ވެއިޓަރުކަން ކޮށްދިނީ މިލާއެވެ. އަދި ޖެފްރީ އޭނާއަށް ޓިޕެއް ދިންކަންވެސް އެނގުނީ އެމީހުން ކައިގެން ދިޔަ ފަހުންނެވެ.
މިލާ އޭބީސީ ނިއުސްއަށް މަޢުލޫމާތު ދިންގޮތުގައި ޖެފްރީގެ އެޢަމަލާއިމެދު އޭނާ ވަރަށް ހައިރާންވިއެވެ. އަދި އެހާ ރަނގަޅަށް ދުވަހަކުވެސް މީހަކު އޭނާއަށް ޓިޕެއް ދީފައި ނުވާކަމަށްވެސް މިލާ ބުންޏެވެ.

މިލާގެ ލޯބިވެރިޔާ ޓެރީން ކީތު އިނީ ބަލިވެއެވެ. އަދި މިލާ ބޭނުންވަނީ އޭނާގެ ފިރިހެން ދަރިފުޅު ކިލިއަން އުފަންވަންދެން އެ ފައިސާ ރައްކާ ކޮށްފައި ބެހެއްޓުމަށާއި، އެއަށްފަހު އޭނާގެ އާ އާއިލާ ބެލްފާސްޓްގައި ދިރިއުޅޭ އޭނާގެ ތިމާގެ މީހުންނަށް ތަޢާރަފް ކުރުމަށެވެ.
މިލާ ބުނީ އޭނާ އުންމީދު ކުރަނީ ޖެފްރީއާއި ބައްދަލުކޮށް، އޭނާ ކޮށްދިން ކަންތަކަށް ޝުކުރުވެރިވާ މިންވަރު ހާމަކޮށްދޭން ކަމަށެވެ.
އޭނާ ބުނަނީ އޭނާއަށްވުރެ ބޮޑަށް އެކަމުގެ ފައިދާ ލިބޭނީ އޭނާގެ އާއިލާއަށް ކަމަށެވެ. އެއީ އެމީހުންނަށް މިލާ ފެންނާނީ ގާތްގަނޑަކަށް ދެއަހަރު ދުވަސް ފަހުން ކަމަށް ވާތީ ކަމަށެވެ.
މިލާ ބުނީ އޭނާ އެނބުރި އަޔަލޭންޑަށް ދާއިރު ޖެފްރީވެސް ޒިޔާރަތް ކޮށްފިނަމަ ވަރަށް އުފާވާނެ ކަމަށާއި، އެއިރުން ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލުތަކުގެ އިތުރުން ހަޤީގީ އުތުރު އަޔަލޭންޑް އޭނާއަށް ދައްކާލަ ދޭނެކަމަށެވެ.