ގެއަށް އައިސް ތިބި މެހުމާނުންތަކެއް މާ އަޑުގަދަ ކުރުމުންނާއި އެމީހުންނަށް ދަޢުވަތު އެރުވުނު ވަގުތަށްވުރެ އިތުރަށް މަޑު ކުރުމުން، ފްލޮރިޑާގެ އަންހެނަކު އެމީހުންގެ ގަޔަށް ބަޑިޖަހައިފި ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 32 އަހަރުގެ އަލާނާ އެނެޓް ސެވެލް، ޕަނަމާ ސިޓީގައި ހުންނަ އޭނާގެ ގެއަށް ދެމަފިރިއަކަށް ދައުވަތު ދީގެން ގެނެސް އުޅެނިކޮށް، އެމީހުން މާ އަޑުގަދަ ކުރަން ފެށިކަމަށް ވެއެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ އެމީހުންނަށް އެގެއިން ދިއުމަށް އަމުރުކުރިއެވެ. އަދި އެއަށްފަހު ފިރިހެން މީހާއާއި އަންހެން މީހާގެ ފަޔަށް ބަޑިޖެހިއެވެ. އެދެމީހުން އެހާ ސީރިއަސް ނޫން އަނިޔާތަކާއިއެކު ހޮސްޕިޓަލަށް ދިޔައެވެ.
ސެވެލްގެ މައްޗަށް ވަނީ ބަޑީގެ ހަމަލާ ދިނުމުގެ ކުށުގެ ދައުވާ ކުރެވިފައެވެ.
ބޭ ކައުންޓީ ޝެރިފްގެ އޮފީހުން ބީބީސީއަށް މަޢުލޫމާތު ދިން ގޮތުގައި، އަނިޔާވި އަންހެން މީހާ އެގެއަށް ދިޔައީ އޭނާއަށް ބާއެއްގެ ތެރެއިން ދިމާވި ފިރިހެނެއް ގޮވައިގެންނެވެ. އެއީ ހޯމަ ދުވަހުގެ ދަންވަރު ގާތްގަނޑަކަށް 01:00 ގައެވެ.
ސެވެލް ބުނީ އޭނާ މެހުމާންދާރީ އަދާކުރުން ހުއްޓާލަން ޖެހުނީ އެމީހުން ރާބޮއެ، މާބޮޑަށް އަޑުގަދަ ކުރަން ފެށުމުން ކަމަށެވެ.
އެހެންނަމަވެސް އިތުރު ގޮތަކަށް އެމީހުންނަށް އިޝާރާތެއް ދިނުމުގެ ބަދަލުގައި އޭނާ 22 ކެލިބާގެ ބަޑިއެއް ހިފައިގެން އައިސް އޭނާގެ މެހުމާނުންގެ ފަޔަށް ބަޑި ޖެހިކަމަށް އޮފިޝަލުން ބުނެއެވެ.
އަނިޔާވި އަންހެނާ ކްރިސްޓީ ޖޯ މޯރްއާއި އޭނާގެ ބައިވެރިޔާގެ ދެފަޔަށްވެސް ބަޑިޖެހުމުގެ އިތުރުން، ސެވެލްގެ އަމިއްލަ ލޯބިވެރިޔާގެ ފަޔަށްވެސް ވަނީ ވަޒަނެއް އަރައި ޒަޚަމްވެފައެވެ.
މޯރް ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި ޖުމްލަ އަށް ނުވަތަ ނުވަ ފަހަރު ބަޑި ޖެހިއެވެ.
ބޭ ކައުންޓީ ޝެރިފްގެ އޮފީހުން ބުނި ގޮތުގައި މޯރް ބުނެފައިވަނީ އޭނާގެ ފަޔަށް ވަޒަން އެރިކަމުގެ އިހުސާސް ކުރެވިފައި ނުވާ ކަމަށާއި، އެވަގުތު އެގެއިން ފިލަން ދުވެ ވެހިކަލަކަށް އަރާފައިވާ ކަމަށެވެ.
ސެވެލް ބުނެފައިވާ ގޮތުގައި މޯރްއާއި އޭނާގެ ފިރިހެން ރަހުމަތްތެރިޔާ އެގެއަށް އައީ އެކީގައި ވަގުތު ކޮޅެއް ހޭދަކޮށްލަން ކަމަށާއި، އެދެމީހުންވެސް ރާބޯން ފަށައި އަޑުގަދަ ކުރަން ފެށިކަމަށެވެ.
ސެވެލް ބުނީ އެމީހުން އޭނާގެ ގޭގައި ތިބުމަށް އޭނާ ނޭދޭ ކަމަށާއި، އެހެންކަމުން އެމީހުންގެ ފައިތިލައަށް ބަޑިޖަހަން ފެށިކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ ސެވެލްގެ ލޯބިވެރިޔާ ތަހުޤީގުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިން ގޮތުގައި، ގެއިން ނިކުންނަން ބަޔަކު ކައިރީ ތިން ފަހަރު ބުނުމަށްފަހު، ބަޑި ނަގައި ބިމަށް ބަޑިޖަހަން ފަށަން އޭނާވަނީ ސެވެލްއަށް އިރުޝާދު ދީފައި ކަމަށެވެ.
އެވަރުންވެސް އެމީހުން ގެއިން ނުގޮސްފިނަމަ، އެމީހުންގެ ފަޔަށް ބަޑި ޖަހަންވެސް ސެވެލް ގާތު ބުނެފައިވެއެވެ.
ސެވެލް ވަނީ އަދިވެސް ކައުންޓީގެ ޖަލުގައި ހައްޔަރު ކުރެވިފައެވެ.