އައްޑޫގައި ހިންގާ ފިހާރަތަކުންނާއި ހޮޓާ/ކެންޓީން ފަދަ ތަންތަނުން މަހު ފީގެ ގޮތުގައި 200ރ. ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އެގޮތަށް އެ އަދަދަށް ފައިސާ ނުނެގޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން ލަޠީފް "އައްޑޫ ލައިވް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކައުންސިލުން ޖެނުއަރީ 23 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށެވެ.
"ކައުންސިލުން އަމިއްލަ އަށް އައްޑޫގެ އާބާދީ ބޮޑުކޮށްލައިގެން އެގޮތަށް ހަދާފައި އޮތީ. ގާނޫނުގައި އޮންނާނީ 10 ހާސް މީހުން ދިރިއުޅޭ ތަންތަނުން 200 ރުފިޔަ ނަގަން. އެކަމަކު ރާއްޖޭގެ ބޯހިމެނުން އެންމެ ފަހުން ނެގީ 2006 ވަނަ އަހަރު. އެ އަހަރު ހިތަދޫގެ އާބާދީ އުޅެނީ 8،000 ގައި،" ހިތަދޫ ކަތީބު ކަންވެސް ގިނަ ދުވަސް ތަކެއް ވަންދެންކޮށްފައިވާ ހަސަން ލަޠީފް ވިދާޅުވި އެވެ. "އެ ގާނޫނުގެ އެއްބައި އެ ބޭފުޅުން ބަލާފައި އެ އޮތީ. އެެހެން މި ވިދާޅުވީ އިމްޕޯޓް މުދާ ވިއްކާތަންތަނާ ބެހޭ ގާނޫނުގެ (ޅ) މާއްދާގައި ބުނެފައި ވަނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ބަލާނީ އެހާތަނަށް ސަރުކާރުން އެތަނެއްގައި އެންމެފަހުން ބޯހިމެނި ހިސާބަކުން ކަމަށް. އެހެންވީ އިރު 2006 ގެ ފަހުން ބޯހިމަނާފައެއް ނެތް."
ހަސަން ލަޠީފް އަދި ވިދާޅުވީ ގާނޫނާއި ހިލާފަށް އެއްވެސް ކައުންސިލަކަށް ވެސް ސަރުކާރަކަށް ވެސް އާއްމުން އަތުން ހިތު ހުރި ވަރަކަށް ފައިސާ ނުނެގޭނެ ކަމަށެވެ. އަދި މިގޮތަށް ފީބޮޑު ކުރުމުން އެކަމުގެ ގެއްލުން ފޯރާނީ އާއްމު ރައްޔިތު މީހާ އަށް ކަމަށެވެ.
"އެގޮތަށް ފީ ބޮޑު ކުރީމާ ވިޔަފާރި ވެރިއާ ގެންނަ މުދާ އަގުބޮޑު ކުރާނެ. އަނެއްކާ ޖީއެސްޓި ހަ ޕަސެންޓް ދައްކަމުން ދަނިކޮށް ފީ ބޮޑު ކުރީމާ އެކަމުގެ ގެއްލުން އޮތީ ރައްޔިރުންނަށް،" އޭނާ ވިދާޅުވި އެވެ.
ހަސަން ލަޠީފް އިތުރަށް ވިދާޅުވީ ގާނޫނުގައި ވަކިގޮތްތަކެއް ކަނޑައަޅާފައި އޮއްވާ އެގާނޫނު ބާތިލް ނުކުރައްވަނީސް އަމިއްލަ އަށް ގާާނޫނަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
އައްޑޫގައި 400-500 ދެމެދު ފިހާރަތައް ހުރި އިރު އެ ފިހާރަތަކުގެ މަހު ކުލި ކައުންސިލުން ބޮޑު ކޮށްފައިވާތީ ވިޔަފާރިވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.