Last Updated: May 7, 21:23
Tuesday, May 7, 2024
ރިޕޯޓް

ފަޅުވާ އަތޮޅުތަކުގެ ފައިދާ ލިބޭނީ ކޮން ބަޔަކަށް؟

ހުޅުމީދޫގެ މަތިން ގަފާފައިވާ ފޮޓޯއެއް: ގެސްޓް ހައުސް ހަދަން ބިން ދޫކުރަން ވަނީ ނިންމާފައި. ފޮޓޯ/ އައްޑޫ ލައިވް

ދިވެހިރާއްޖެ އަކީ ޤުދްރަތީ ވަސީލަތްތައް މަދު ޤައުމެއްގެ ގޮތުގައި ޒަމާނުއްސުރެ އަޅުގަނޑުމެން އައީ ދެކެމުންނެވެ.

އަޅުގަޑުމެންގެ ޤައުމު ތަރައްޤީ ކުރަން އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި، ރާއްޖޭގެ ރަށްތައް ކަނޑުގެ މާސިންގާ ސަރަހައްދެއްގައި ފެތުރިފައިވުމާ، މީސްކޮޅު މަދު އާބާދީތައް ކުދިކުދި ރަށްރަށުގައި ދިރިއުޅެމުންދާކަމީ، ތަރައްޤީއަށް ހުރި ގޮންޖެހުންތައްކަމަށް ޤަބޫލުކޮށް ތަރައްޤީގެ ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަތާ އެތައް އަހަރެއްވެއްޖެއެވެ.

ޚިދުމަތްތައް ހުރިހާ ރަށަކަށް ދިނުމަކީ ކުރަންޖެހޭ ޚަރަދުގެ ގޮތުން ފީޒިބަލް ކަމަކަށް ނުވާތީ ޚިދުމަތްތައް ޤާއިމުކުރުމަށް އިސްކަންދެވުނީ ވެރިރަށް މާލެއަށެވެ. ދެން މާލެކައިރިން ވިލިމާލެއަށެވެ. އެއަށް ފަހު ދެންފެނުނީ ހުޅުމާލެ ނަމުގަ ބޮޑުބިމެއް ހިއްކައި، އެބިން އާބާދު ކުރެވެމުން ދިޔަތަނެވެ.

ފަހުގެ ތާރީޚުގައި ބޮޑުޚަރަދުކޮށްގެން "ގުޅިމާލެ" އަށްވެސް އިންވެސްޓް ކުރިއެވެ. އަދި ދާދި އިހަކަށް ދުވަހު ހުޅުމާލޭގެ 2 ވަނަ ފޭސް ނިމި ކުރިން ހިއްކާފައޮތް ބިމަށް ބިން އިތުރުކޮށްފިއެވެ. މިހުރިހާ ޚަރަދެއްކޮށް، މި މަޝްރޫޢުތައް ހިންގިއިރު ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގައިވެސް މީހުން ދިރިއުޅޭ އަދި މީހުން ދިރިނޫޅޭ ބިންބޮޑެތި ޤުދްރަތީ ރަށްތައް އެބަހުއްޓެވެ. ސިޔާސަތުތައް ތަންފީޒު ކުރެވެމުން ދިޔައީ އަދި ދަނީވެސް، ރާއްޖޭގެ އެއް ސަރަޙައްދަކަށް މީހުން ގިނަކޮށް އެހެން ސަރަޙައްދުތައް ފަޅުވަމުން ދާގޮތަށެވެ.

ރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް މަދުވެފައިވުން އެއީ ތަރައްޤީއަށް އޮތް ހުރަހެއްކަމަށް އަޅުގަޑުމެން ޤަބޫލުކޮށް ދެކިދެކި ތިއްބާ އެވަސީލަތްތަކުގެ އެހީގައި މަދު ދިވެހީންތަކެއް މުއްސަނދިވެ މަހުޖަނުންނަށް ވެފައިވާ ކަމީ ހަޤީޤަތެކެވެ. މުއްސަނދިންނާއި ފަޤީރުންނާ ދެމެދު ފަރަޤު އިތުރުވެފައިވާ ކަމީ ހަޤީޤަތެކެވެ.

ވެރިރަށް މާލެއާއި އަތޮޅުތަކާ ދެމެދު އާމްދަނީއާއި ޚިދުމަތްތަކާ ފުރުޞަތުތައް ނުހަނު ބޮޑުތަން ތަފާތުވެފައިވެއެވެ. މާލެ ތޮއްޖެހި، މާލޭގެ ތިމާވެށި ތަޣައްޔަރުވެ، އަމާންކަން ގެއްލި އިޖްތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތި ވެފައިވެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތުތައް އަދިވެސް ދަނީ އެއް މިސްރާބަކަށެވެ. ރާއްޖޭގެ ވަކި ސަރަޙައްދަކަށް ހުރިހާ ދިވެހިން ޖަމާކޮށް އެހެން ސަރަޙައްދުތައް ފަޅުވުމަށް މަޖުބޫރުވަނީއެވެ.

މިގޮތަށް ފަޅުވާ ރަށްރަށަށް ދެންވާނެ ގޮތަކާ މެދުވެސް މިއަދު ސުވާލު އެބަ ކުރެވެއެވެ. އޭގެ ފައިދާ ލިބޭނީ އަދި އޭގެ މިލްކުވެރިންނަށް ވާނީ ކޮންބައެއްތޯވެސް މިއަދު ސުވާލު ކުރެވެއެވެ.

ނޯޓް: މި ލިޔުމަކީ "ފަޅު އަލިރަން މުތް" މިފޮތަށް އިސްބަހުގެ ގޮތުގައި އަލްފާޟިލާ ސަލްމާ ފިކުރީ، މ. ގަހާ، ކ. މާލެ، ލިއުއްވާފައިވާ ލިއުއްވުމެކެވެ. މި ލިޔުން އައްޑޫލައިވް އާއި ހިއްސާ ކުރެއްވީ ފޮތުގެ މުސައްނިފް މުނާ މުހައްމަދުއެވެ.