Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ޑްރައިވަރަކު 9.2 މިލިއަން ރުޕީސް އާާ އެކު ފިލައިފި

ގިނަ އޭޓީއެމްތަކުން ފައިސާ ދަނީ ވަރަށް ހަލުވިކޮށް ހުސްވަމުން - ފޮޓޯ: ގެޓީ އިމޭޖެސް

އިންޑިއާގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ބެންގަލޫރުގެ ފުލުހުން ދަނީ އޭޓީއެމްތަކަށް ފައިސާ ހިފައިގެންދިޔަ ވޭނެއް ދުއްވަން ހުރި ޑްރައިވަރު، 9.2 މިލިއަން ރުޕީސް (134،000 ޑޮލަރު) ހިފައިގެން ފިލި މައްސަލައިގައި އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެއީ ހުސް އަލަށް ތަޢާރަފް ކުރެވުނު 2000 ރުޕީސް ނޫޓްތަކެވެ.

އޭނާއާއިއެކު މަސައްކަތްކުރާ މީހާ ފާޚާނާއަކަށް ބޭންކްއަށް ދިއުމުން، ޑޮމިނިކް ސެލްވަރާޖް ވޭން ދުއްވާފައި ގޮސް ފިލިކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ފުލުހުން ބުނާ ގޮތުގައި އޭނާ ދުއްވާފައިދިޔަ ވެހިކަލް ހަމަ އެދުވަހު ބެންގަލޫރުން ވަނީ ފެނިފައެވެ.

ކޮރަޕްޝަނާއި ދެކޮޅަށް އިންޑިއާއިން ކުރަމުން އަންނަ މަސައްކަތުގައި ދާދިފަހުން 500 އާއި 1،000 ރުޕީސްގެ ނޫޓްތައް މަނާކުރި ފަހުން އިންޑިއާގެ އޭޓީއެމްތަކުން ވަނީ ދިގު ކިޔު ލައިންތަކެއް ފެނިފައެވެ.

އޭގެ ބަދަލުގައި، ސަރުކާރުން ވަނީ އާ 500 އަދި 2،000 ރުޕީސްގެ ނޫޓްތައް ތަޢާރަފް ކޮށްފައެވެ. އެހެންނަމަވެސް، އެ ނޫޓްތައް ޤައުމުގެ އިޤްތިޞާދުގެ ތެރޭގައި ދައުރު ކުރުމުގެ މަސައްކަތް ދަނީ އަދިވެސް ކުރެވެމުންނެވެ. އަދި ބޭންކުތަކުން ވަރަށް ގިނައިން އާ ފައިސާ ހުސްވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

ސީނިއާ ޕޮލިސް އޮފިޝަލް ޗާރަން ރެޑީ ބީބީސީ ހިންދީގެ އިމްރާން ޤުރޭޝީއަށް މަޢުލޫމާތު ދިން ގޮތުގައި ސެލްވަރާޖް ވަނީ އޭޓީއެމްތަކާއި ބޭންކްތަކާއި ދެމެދު ފައިސާ ޓްރާންސްފާ ކުރާ ކުންފުންޏަކުން ވަޒީފާ ދީފައެވެ.

"އޭނާ (ވޭންގެ) ގާޑުގެ ރައިފަލް ނަގާފައެއް ނުވޭ. އަޅުގަނޑުމެން ވަނީ އޭނާ ހޯދުމަށްޓަކައި ހަތަރު ޓީމެއް ހަދާފައި"، ރެޑީ ވިދާޅުވިއެވެ.

ފުލުހުންގެ އެހެން އޮފިސަރަކު ވިދާޅުވީ އެވޭނުގައި ޖީޕީއެސްއެއް ނެތް ކަމަށެވެ.

"ވޭންގައި ހުރި ފައިސާ ތިޖޫރީގެ އެއް ތަޅުދަނޑިވެސް ޑްރައިވަރު އަތަށް ދީފައިވާ ކަމީ އަޅުގަނޑުމެންނަށް ވަރަށް އާދައާއި ޚިލާފު ކަމެއްގެ ގޮތުގައި ފެނުނު"، އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ ދެހަފްތާ ކުރިން އިޢުލާން ކުރެވުނު ނޫޓްތައް މަނާކުރުމާއި ގުޅިގެން އިންޑިއާގެ އެކި ސަރަޙައްދުތަކުން ވަނީ ހަމަނުޖެހުންތަކުގެ މަންޒަރުތައް ފެނިފައެވެ.

އޭގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއީ މަނާ ކުރެވުނު ދެ ނޫޓަކީ ޤައުމުގައި ދައުރުވަމުންދާ ފައިސާގެ 86 އިންސައްތަ ކަމުގައި ވާތީއެވެ.

ޑިސެމްބަރު މަހުގެ 30 އާއި ހަމައަށް އާންމުންނަށް ބޭންކްތަކުން ކުރީގެ ފައިސާ އާ ފައިސާއަށް ބަދަލުކުރުމާއި، އެކައުންޓްތަކަށް ކުރީގެ ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޤައުމާއި މުޚާތަބު ކުރައްވަމުން ކުއްލި ގޮތަކަށް ފައިސާ މަނާކުރި ވާހަކަ އިއުލާން ކުރެއްވި ބޮޑު ވަޒީރު، ނަރޭންދްރަ މޯދީ ވިދާޅުވީ އެއީ ކަޅު ފައިސާ ގެންގުޅޭ މީހުން ހޯދައިގަތުމަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.