ހުކުރު ދުވަހު މުމްބާއީގައި ބޭއްވުނު ބައްދަލުވުމެއްގައި ޓާޓާ ސްޓީލްއިން ވަނީ ޓާޓާ ސަންސްގެ ކުރީގެ ހެޑް ސައިރަސް މިސްޓްރީ ޓާޓާ ސްޓީލްގެ ބޯޑްގެ ޗެއާމަންގެ މަޤާމުން ވަކިކޮށްފައެވެ.
މިސްޓްރީ ވަކިކުރުމަށްފަހު އެމަޤާމަށް އިސްކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކުރީގެ ހެޑް އަދި ޓާޓާ ސްޓީލްގެ ބޯޑްގެ އިންޑިޕެންޑެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އޯ ޕީ ބަޓްއެވެ.
އެބޯޑުން ވަނީ މިސްޓްރީއާއި އިންޑިޕެންޑެންޓް ޑިރެކްޓަރު ނުސްލީ ވާޑިއާ އެކުންފުނީގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމުން ވަކިކުރުމަށްޓަކައި "އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓީންގް (އީޖީއެމް)" އެއް ބޭއްވުމަށް ނިންމާފައި ކަމަށް ޓާޓާ ސްޓީލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އީޖީއެމް އޮންނާނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ވަރަށް ކުއްލިގޮތަކަށް މިދިޔަ މަހު މިސްޓްރީ ވަނީ ޓާޓާ ސަންސްގެ ޗެއާމަންގެ މަޤާމުން ވަކިކުރެވިފައެވެ. އަދި އޭނާގެ މަޤާމަށް ރަތަން ޓާޓާ އައްޔަން ކުރެއްވުމާއި ގުޅިގެން ވަނީ އެންމެ ބޮޑު މިނިވަން ހިއްސާދާރާއި ޓާޓާއާއިމެދު ހަމަނުޖެހުންތަކެއް އުފެދިފައެވެ.
އެއަށްފަހު ރަތަން ޓާޓާ އިސްކޮށް ހުންނަވައިގެން ޓާޓާ ސަންސްގެ މެނޭޖްމަންޓްއިން ދަނީ ޓާޓާ ކުންފުނިތަކުގައި މިސްޓްރީ އަދާކުރައްވަމުން ގެންދަވާ މަޤާމްތަކުން އޭނާ ވަކިކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.