ޖިނާޢީ ކޯޓުގެ އިސް ޤާޒީ ހައްޔުކުރި ކަމަށް ބުނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ސަރުކާރުން ކޮށްފައިވާ ދައުވާގެ އަޑު އެހުމެއް އަންނަ އާދިއްތަ ދުވަހަށް ހުޅުމާލޭ ކޯޓުގައި ތާވަލްކޮށްފި އެވެ.
އެ ކޯޓުން ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އެ މައްސަލަ ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދެވޭނޭ ކަމަށް ހައި ކޯޓުން ހުކުމް ކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
އިއްޔެ ހައި ކޯޓުން ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ނެންގެވި ހުރިހާ އިޖުރާޢީ ނުކުތާތަކަށް ވެސް ހުޅުމާލޭ ކޯޓުން ނިންމާފައިވާ ނިންމުންތައް ސައްޙަކަމަށް ކަނޑައަޅާ ޙުކުމްކޮށްފަ އެވެ.
ޖިނާޢީ ކޯޓުގެ އިސް ޤާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން ސަރުކާރުން ދައުވާ އުފުލާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ފިޔަވައި އެހެން އެއްވެސް ބޭފުޅެއްގެ މައްސަލަ މިހާތަނަށް ޝެޑިއުލްކޮށްފައި ނުވެ އެވެ.