Last Updated: July 1, 13:43
Wednesday, July 1, 2026
ޚަބަރު

ސީރިއާގެ ކުއްޖަކަށް "ހެރީ ޕޮޓާ" ފޮތްތައް ފޮނުވައިފި

ޖޭކޭ ރޯލިންގް - ފޮޓޯ: ދަ ޝޯޓީ އެވޯޑްސް

މަޝްހޫރު "ހެރީ ޕޮޓާ" ސީރީޒް ލިޔުނު ޖޭކޭ ރޯލިންގް ހަނގުރާމައިގެ ތެރޭގައިވާ ސީރިއާގައި ދިރިއުޅެމުންދާ ކުޑަ އަންހެން ކުއްޖަކަށް ހެރީ ޕޮޓާގެ ހުރިހާ ފޮތެއްގެ ކޮޕީތައް ފޮނުވައިފިއެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ބާނާ ވަނީ އޭނާގެ އުފަންބިން އެލެޕޯގައި ކުރިއަށްދާ ހަނގުރާމައާއި ބޮމުގެ ހަމަލާތަކުގެ ޚިޔާލުތަކާއި ދުރަށް ދިއުމަށްޓަކައި "ހެރީ ޕޮޓާ" ފިލްމްތައް ބަލަން ފަށާފައެވެ.

"ހެރީ ޕޮޓާ" ފިލްމް ބެލުމަށްފަހު، މިހަފްތާގެ ކުރީކޮޅު ބާނާގެ މަންމަ ފާތިމާވަނީ ޓްވިޓާ މެދުވެރިކޮށް ރޯލިންގްއަށް މެސެޖެއް ފޮނުވާފައެވެ. ބީބީސީއިން ރިޕޯޓް ކުރާގޮތުގައި ފާތިމާ ބުނެފައިވާ ގޮތުން އޭނާ ދަރިފުޅާއި އެހެނިހެން ކުދިންވެސް އެފިލްމްތައް އޭގެ މައްޗަށް ބިނާކޮށްފައި ހެދި ފޮތްތައް ކިޔާލަން ބޭނުންވާ ކަމަށެވެ.

އެމެސެޖަށް ޖަވާބުދެމުން ރޯލިންގް ޓްވިޓާގައި ބުނެފައިވަނީ ބާނާ އެފޮތްތައް ކިޔާނެ ކަމަށް އޭނާ އުންމީދު ކުރާކަމަށާއި، އެފޮތްތައް ބާނާއަށް ކަމުދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަމަށެވެ.

އުމުރުން 51 އަހަރުގެ ރޯލިންގް ވަނީ ހެރީ ޕޮޓާ ފްރެންޗައިޒްގެ ހުރިހާ ފޮތްތަކެއްގެ އިލެކްޓްރޯނިކް ކޮޕީ ބާނާއަށް ފޮނުވާފައެވެ.

ރޯލިންގް ކަންތައް ކުރި ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކުރުމުގެ ގޮތުން ބާނާގެ މަންމަ ވަނީ ޓްވިޓާގައި ރޯލިންގްއަށް ވަރަށް ޝުކުރު އަދާ ކޮށްފައެވެ.