Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

"އަވަށު ބޯޑްތަކުގެ އެއްވެސް މުވައްޒަފަކު ވަކި ނުކުރޭ"

ހިތަދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމް ޝިނާޒް މޫސާ (ކަނާތް ފަރާތުގައި)

އައްޑޫ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަވަށު ބޯޑްތަކަށް ހަމަޖައްސާފައިވާ ރައީސުންނާއި، ނައިބް ރައީސުން ވަޒީފާތަކުން ވަކިކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގިތާ ނުވަ މަސް ދުވަސް ވެގެން ދިޔަ އިރު ވެސް އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "ދިޓީވީ" އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ އޭސީސީގެ އެންގުމާ އެއްގޮތަށް އަދި މިހާތަނަށް އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ގާނޫނަކުން ކަނޑައަޅަން ޖެހޭ ކަމަކަށްވާ އިރު ގާނޫނު ނުހެދި ލަސްވުމުން ސިޓީ ކައުންސިލުން ކަނޑައަޅާ ގަވާޢިދެއްގެ ދަށުން އެކަންކަން ނުކުރެވޭނޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އެމަގާމުތަކަށް މީހުން އައްޔަންކޮށްފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ސަރުކާރާއި، އަދި އޭރުގެ ސަރުކާރުން އުފައްދާފައިވާ ގައުމީ އިދާރާގެ މަޝްވަރާގެ މަތީން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ރަށްރަށުގެ އޮފީސްތަކުގެ އަވަށު ބޯޑްތަކަށް ވަގުތީ ރައީސާއި ނައިބް ރައީސުންގެ މަގާމުތައް އުފައްދައި އެމަގާމުތަކަށް މީހުން ހަމަޖައްސާފައި ވަނީ ގާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި، ހިލާފަށް ކަމަށް އޭސީސީން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އަދި މިކަމަކީ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަަމަކަށްވުމުން އައްޑޫ ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާ ހުރިހާ ފަރާތްތައް ވަޒީފާތަކުން ވަކި ކުރުމަށް ވެސް އޭސީސީން ވަނީ އައްޑޫ ސިޓީ ކައުންސިލަށް އޭޕްރީލް 10، 2012 ވަނަ ދުވަހު އަންގާފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީކައުންސިލުގެ އަމިއްލަ ގަރާރަކުން އުފައްދާފައިވާ މިވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން އަވަށު ބޯޑްތަކުގެ ރައީސުންނާއި ނައިބް ރައީސުންގެ މުސާރައިގެ ގޮތުގައި މަހަކު 10،000ރ އާއި ފޯން އެލަވަންސްގެ ގޮތުގައި 500ރ. ގެ އިތުރުން 2،000ރ. އެލަވެންސެއް ދެމުންދާކަން ފާހަގަކޮށްލެވެ އެވެ.

އޭސީސީން މި މައްސަލަ ބެލުމަށްފަހު ނެރެފައިވާ ރިޕޯޓްގައި މިކަމަކީ ލާމަރުކަޒީ ގާނޫނާއި، ގާނޫނު އަސާސީގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރެއް ނޫންކަމަށް ފާހަގަކޮށްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) ގައިވާގޮތުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރަތަކުގެ މަގާމުތައް ކަޑައަޅައި އެ މަގާމުތަކަށް މުވައްޒިފުން އައްޔަންކޮށް ވަކި ކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއިއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަމަށް ބަޔާން ކޮށްފައިވެ އެވެ.