Last Updated: July 1, 13:43
Wednesday, July 1, 2026
ޚަބަރު

"ތަންޑާސްޓޯމް އެސްތުމާ" ގައި ހަ މީހަކު މަރުވެއްޖެ

ފޮޓޯ: މެތިއު ޑަބްލިއުޔޫ / ބީބީސީ

"ތަންޑާސްޓޯމް އެސްތުމާ"ގެ ނަމުން ނަންދެވިފައިވާ ވަރަށް ތަދު ހާލަތެއްގެ ސަބަބުން އޮސްޓްރޭލިއާގެ މެލްބޯން ސިޓީގައި މަރުވަމުންދާ މީހުންގެ އަދަދު 6 އަށް އަރައިފި އެވެ.

އިތުރު ތިން މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ހޯމަ ދުވަހު މެލްބޯންގައި ވައިގަދަވެ ބޯކޮށް ވިއްސާރަ ކުރުމުގެ ސަބަބުން ވިކްޓޯރިއާ ސްޓޭޓްގައި އެތައް ހާސް ބަޔައަކަށް ވަނީ "ޕޮލެން އެލާޖީ އެސްތުމާ" ޖެހިފައެވެ.

ސިއްޙީ އޮފިސަރުންނާއި ހޮސްޕިޓަލުތަކުން ވަނީ އެތައް ހާސް މީހުންނެއް ނޭވާލުމުގައި މައްސަލަތައް ދިމާވާކަމުގެ ރިޕޯޓް ކުރުމަށް ފޯންކުރުމުން، އެމީހުންނަށް ވީއެންމެ ބޮޑަކަށް އެހީތެރިވެ ދިނުމަށް މަސައްކަތް ކޮށްފައެވެ.

"ތަންޑާސްޓޯމް އެސްތުމަ" އަކީ ބަހާރު މޫސުމުގައި "ރައި ގްރާސް" (ރައި ވިނަ) ޕޮލެން ތެތްވެ، ކުދިކުދިވެ މީހުންގެ ފުއްޕާމޭގެ ތެރެއަށް ވަދެ ނޭވާލުމުގައި މައްސަލަތައް ކުރިމަތި ކުރުވުމަށް ކިޔާ ނަމެކެވެ.

8،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެވިފައެވެ.

އޮސްޓްރޭލިއާގައި ކޮންމެ 10 މީހަކުން އެއް މީހަކަށް އެސްތުމާ ޖެހޭއިރު، އޭގެތެރެއިން ގާތްގަނޑަކަށް 80 އިންސައްތައް މީހުން ދަނީ "ރައި ޕޮލެން"ގެ ސަބަބުން އެލާޖީތަކާއި ކުރިމަތިލަމުންނެވެ.

މެލްބޯންގެ މިހާރުގެ ބަހާރު މޫސުމަކީ އެހެން މޫސުންތަކަށްވުރެ ވަރަށް ތެތް މޫސުމަކަށް ވީއިރު، އެސްތުމާއާއި ހިކިހުއި ރޯނގާ (ހޭ ފީވާ) ޖެހިފައިވާ މީހުންނަށް ވަނީ އިތުރު އުނދަގޫތައް ކުރިމަތިވެފައެވެ.