ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މަގާމުން މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިތުރުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރުގެ މަގާމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އަލީ ވަހީދު ބުނެފައިވަނީ އަމިއްލަ ގައުމުން އޭނާ އަށް ސަލާމަތްކަމެއް ނެތި، ބޭރު ގައުމަކަށް އަމިއްލައަށް އަރުވާލެވިގެން ހުރެ އޭނާ ފުރުއްވާ މަގާމުތައް ރައްޔިތުން އެދޭ ގޮތަށް އަދާ ނުކުރެވެމުންދާތީ އޭނާއަށްވުރެ މަގާމަށް ކުފޫ ހަމަވާ ބޭފުޅަކަށް މަގާމު ހަވާލުކުރެއްވުމުގެ ނިޔަތުގައި އިސްތިއުފާ ދެއްވާ ކަމަށެވެ.
އިސްތިއުފާ ދެއްވަމުން އަލީ ވަހީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވުމަކީ އޭނާގެ ސިޔާސީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
އަލީ ވަހީދުގެ އިސްތިއުފާއާ ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި އަލީ ވަހީދު ޕާޓީއަށާއި ޕާޓީގެ މެމްބަރުންގެ ހައްގުގައި ކުރެއްވި މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި އޭނާގެ ހިދުމަތް އެމްޑީޕީއަށް އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބުނެފައިވެއެވެ.
މިދިޔަ އަހަރު އަލީ ވަހީދު ވަނީ ގައުމު ދޫކޮށް އިނގިރޭސި ވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. މޭޑޭ މުޒާހަރާގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.
އަލީ ވަހީދަކީ އޭނާގެ ސިޔާސީ ހަޔާތުގެ ކުރީކޮޅު ޑީއާރްޕީގެ އިސް ސަފުގައި ބުރަކޮށް މަސައްކަތްކޮށް ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައި ތޮއްޑޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.