Last Updated: June 28, 04:05
Saturday, June 27, 2026
ސިޔާސީ

އެމްޑީޕީގެ 7 މެމްބަރަކަށް ފިޔަވަޅު އަޅަން އަލްހާން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރެޑްލައިން ވިޕް ނެރެފައިވަނިކޮށް އެގޮތަށް އަމަލު ނުކުރެއްވި މެމްބަރުންނަށް ފިޔަވަޅު އަޅާދިނުމަށް އެކޮމިޓީއަށް އަލްހާން ހުށައަޅައިފިއެވެ.

އެމްޑީޕީ އިން ނެރުނު ވިޕް ލައިނާއި ހިލާފުވެފައިވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު، މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދުދީދީއެވެ.

މާރިޔާ ދީދީ، ފަލާހު، އިބްރާހިމް ނަސީރު އަދި ނާޝިދު ބަޖެޓަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެފައި ނުވުމުން އެ ހަތަރު މެމްބަރުންވެސް ވިޕާއި ހިލާފުވި ކަމަށް ނިންމައި ފިޔަވަޅު އަޅައިދިނުމަށް އަލްހާން ވަނީ ހުށައަޅާފައެވެ.

ރީކޯ މޫސާ މަނިކާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ސީދާ ވިޕާއި ޚިލާފަށް ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

ވޯޓު ދެއްވުމުގެ ކުރިން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވަނީ އޭނާ ބަޖެޓުގައި ހިމެނުމަށް އެދުނު ކަންތައް ހިމަނާފައިވާނަމަ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.