Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ނޫޓް މަނާ މައްސަލާގައި އަދިވެސް މުޒާހަރާ ކުރަނީ

ދިއްލީގައި ކުރެވުނު މުޒާހަރާގެ ތެރެއިން - ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ސަރުކާރުން ކުރީގެ 500 އަދި 1،000 ރުޕީސް މަނާ ކުރަން ނިންމި ނިންމުމާއި ދެކޮޅަށް އިންޑިއާގެ ގިނަ ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފިއެވެ.

މިމަހު ކުރީކޮޅު ކުއްލި ގޮތަކަށް ކުރީގެ 500 އަދި 1،000 ރުޕީސްގެ ނޫޓްތައް މަނާކުރެވުމުން، އިންޑިއާގެ ބޭންކްތަކާއި އޭޓީއެމްތަކުގައި ބާރު ބޮޑުވެ، ކިޔުތައް ވަނީ ދިގުވެފައެވެ.

ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވާ ގޮތުގައި އެއީ އެންޓި ކޮރަޕްޝަން ފިޔަވަޅެކެވެ.

އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އެފިޔަވަޅު އަޅާފައިވަނީ ކަންތައްތައް އެހާ ރަނގަޅަށް އިންތިޒާމް ނުކޮށެވެ.

މިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ހުއްޓުވައި، މޯދީގެ ނިންމުމަށްޓަކައި އޭނާ މަޢާފަށް އެދުމަށް ގޮވާލާފައެވެ.

ޑީމޮނެޓައިޒޭޝަންގެ ސަބަބުން އާންމުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވާ ނަމަވެސް، ގިނަ މީހުން ވަނީ އެކަމަށް އެއްބާރުލުން ދީފައެވެ.

ގިނަ އިދިކޮޅު ޕާޓީތަކުން ވަނީ މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ބިހާރްއާއި އޮރިސާގެ ޗީފް މިނިސްޓަރުންފަދަ މުހިންމު ސަރަހައްދީ ލީޑަރުން ވަނީ، ކޮރަޕްޝަން ނައްތާލުމަށް މޯދީ ކުރާ މަސައްކަތަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ބުނެ، މުޒާހަރާތަކާއި ދެކޮޅު ހަދާފައެވެ.

ލަކްނައު، ކޮލްކަތާ އަދި ބެންގަލޫރުގައި މުޒާހަރާތައް ވަނީ ކުރެވިފައެވެ.

ކޮމިއުނިސްޓުންގެ ބާރުދަށުގައި އޮންނަ ދެކުނު ކެރަލާ ސްޓޭޓް އަދި އިރުމަތީ ޓްރިޕޫރާ ސްޓޭޓް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ.

އިންޑިއާގެ ގާތްގަނޑަކަށް 90 އިންސައްތަ މުޢާމަލާތްތައް ހިންގަނީ ފައިސާއިންނެވެ. އަދި ގިނަ މީހުން އަތުގައި ބޭންކް އެކައުންޓެއްވެސް ނޯވެއެވެ. މަނާކުރެވުނު ދެ ނޫޓަކީ ދައުރުވަމުންދާ ފައިސާގެ 86 އިންސައްތައެވެ.

ޑީމޮނެޓައިޒޭޝަންއަށްފަހު އަލަށް ޤައުމާއި މުޚާތަބު ކުރައްވަމުން ނަރޭންދްރަ މޯދީވަނީ ޑިޖިޓަލް ޕޭމެންޓްތަކަށް އަހުލުވެރިވެ، ވީހާވެސް މަދުން ފައިސާ ބޭނުންކުރުމަށް އާންމުންނާސް ގޮވައިލާފައެވެ.