ބްރެޒިލްގެ ޗަޕެކޮސީން ފުޓުބޯޅަ ޓީމު ކޮލޮމްބިއާއަށް ދަތުރުކުރި މަތިންދާ ބޯޓު ވެއްޓި 72 މީހަކު މަރުވެއްޖެ އެވެ.
ކޮޕަ ސުޑަމެރިކާނާ ކަޕުގެ ފައިނަލުގައި ކުޅުމަށް ޗަޕެކޮސީން ޓީމު ދަތުރު ކުރީ ކޮލޮމްބިއާގެ މެޑެލީންއަށެވެ. ބޯޓު ވެއްޓިފައިވަނީ މެޑެލީންއަށް ކައިރިކުރަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
81 މީހަކު ދަތުރުކުރި މިބޯޓު ވެއްޓި، ސަލާމަތްވެފައިވަނީ މިހާތަނަށް އެންމެ 5 މީހުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް 72 މީހުންގެ ފުރާނަ ސަލާމަތްނުވެ މަރުވެފައިވާކަން ބީބީސީ އިން ވަނީ ކަށަވަރުކޮށްފައެވެ.
ސަލާމަތްވި މީހުންގެ ތެރެއިން ޓީމުގެ ޑިފެންޑަރެއް ކަމަށްވާ އަލަން ރަޝެލް ހިމެނިފައިވާ ކަމަށް ކުލަބުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާއަކީ ފަހުގެ ތާރީޚެއްގައި ކުޅިވަރުގެ ދުނިޔޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހާދިސާގައި ފުރާނަ ދޫކުރި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރަމުންނެވެ.