Last Updated: July 1, 11:57
Wednesday, July 1, 2026
މުނިފޫހިފިލުވުން

ކިރަން ރާއޯގެ ގެއިން ވައްކަންކޮށްފި

ފޮޓޯ: ނޯތުބްރިޖް ޓައިމްސް

އާމިރް ޚާންގެ އަންހެނުން އަދި ޑައިރެކްޓަރު ކިރަން ރާއޯ ބެންޑްރާގައި ދިރިއުޅެމުން އަންނަ ގެއިން 80 ލައްކަ ރުޕީސްގެ އަގުހުރި ގަހަނާތައް ވަގަށް ނެގިކަމުގެ މައްސަލަ ޚާރް ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ކިރަން ރާއޯގެ ބައްޕަ ވަނީ އެމައްސަލައިގެ ރިޕޯޓެއް 24 ނޮވެމްބަރު ވީދުވަހު ޚާރް ޕޮލިސް ސްޓޭޝަންގައި ކޮށްފައެވެ. އެއީ ކާޓާ ރޯޑްގައި ހުންނަ އެމީހުންގެ ގޭގެ ކަބަޑަކުން ޖަވާހިރު އަނގޮޓިއަކާއި ހާރެއް ގެއްލުމާއި ގުޅިގެންނެވެ.

އިންޑިއާގެ ޕީނަލް ކޯޑްގެ ސެކްޝަން 453 ގެ ދަށުން، ކުރެވުނު ޝަކުވާއަށް ބިނާކޮށް އެފްއައިއާރްއެއް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ޚާރް ޕޮލިސް ސްޓޭޝަންގެ ސީނިއާ ޕޮލިސް އިންސްޕެކްޓާ ރާމްޗަންދްރާ ޖާދަވް ވަނީ އެމައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެކަމުގެ ތަހުޤީގެއް ކުރިއަށްދާ ކަމަށް ޓައިމްސް އޮފް އިންޑިއާއަށް ކަށަވަރު ކޮށްދީފައެވެ.

ރާއޯގެ ގޭގައި މަސައްކަތްކުރާ ދެއެހީތެރިން ވަނީ ސުވާލު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ފުލުހުން އެގެއަށް ގޮސް ހޯދިހޯދުމުން އެނގުނު ގޮތުގައި އެހާދިސާއަށްފަހު އެއާއިލާއަށް މަސައްކަތް ކުރާ އެއް މުވައްޒަފަކު ވަނީ ގެއްލިގެން ހޯދާ ނުފެނިފައެވެ. އެހެންނަމަވެސް، މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރެއެވެ.