Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ސޯނިއާ ގާންދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ލީޑަރު، ސޯނިއާ ގާންދީއަށް ހުން އައުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ރަންދީޕް ސުރްޖެވާލާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯނިއާ ގާންދީ ވަނީ އަންގާރަ ދުވަހުގެ ހެނދުނު ދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ގާންދީ އެހޮސްޕިޓަލުގައި ދެދުވަސް ވަންދެން އެޑްމިޓް ކުރެވިފައި ވާނެއެވެ.

އުމުރުން 69 އަހަރުގެ ގާންދީއަކީ ކުރީގެ ބޮޑު ވަޒީރު މަރްޙޫމް ރާޖިވް ގާންދީގެ އަނބިކަނބަލުންނެވެ. އޭނާއަކީ 1947 ވަނަ އަހަރުގެ މިނިވަންކަމަށްފަހު އިންޑިއާގައި އެންމެ ގިނައިން ވެރިކަން ކުރި ނެހްރޫ-ގާންދީ ވަންހައިގެ ބޮޑު މީހާއެވެ.

2014 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭނާގެ ޕާޓީވަނީ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ ބާރަތިޔަ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ އަތުން ބަލިވެފައެވެ.

މިފަހަކަށް އައިސް ސޯނިއާ ގާންދީ ވަރަށް ގިނައިން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރެވުމުގެ ސަބަބުން މީޑިއާގައި އޭނާގެ ސިއްޙީ ހާލަތާއިމެދު ވަނީ ވަރަށް ގިނަ ވާހަކަތައް ދެކެވިފައެވެ.

ކޮނޑަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމަށްޓަކައި މިއަހަރުގެ އޮގަސްޓް މަހު ސޯނިއާ ގާންދީ ވަނީ ސާޖަރީއެއް ހައްދާފައެވެ.

ހާމަކުރެވިފައި ނުވާ ސިއްޙީ ހާލަތެއް އިސްލާހު ކުރުމުގެ ގޮތުން އޮޕަރޭޝަނެއް ކުރުމަށްޓަކައި 2011 ވަނަ އަހަރު އޭނާ ވަނީ އެމެރިކާއަށް ގޮސްފައެވެ. އަދި މަޖިލީހުގައި އިންދާ ކުއްލި ގޮތަކަށް ހާލު ދެރަވުމުގެ ސަބަބުން 2013 ވަނަ އަހަރު އޭނާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އަދި ހަމަ އެހެންމެ 2014 ވަނަ އަހަރު އިންފެކްޝަނަކަށް ފަރުވާ ހޯދުމަށްޓަކައި ސޯނިއާ ގާންދީ ވަނީ ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިފައެވެ.