ރަސްމީ ދަތުރުފުޅެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.
ނަޝީދު ވިދާޅުވީ މި ދަތުރުގައި ދިވެހިރާއްޖެ އާ އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދެން އޮތް ގޮތްތަކަކީ ކޮބައިތޯ ދެނެ ގަތުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑިއާގެ ބޮޑު ކުންފުންޏަކާއި އެކު ވެފައިވާ އެއްބަސްވުމެއް މިހާރު މިއޮތް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން އުވާލުމާއި ގުޅިގެން އިންޑިއާގެ ރައްޔިތުންނާއި، ސަރުކާރާއި އަދި ކުންފުނިތަކުގެ ވެސް ވަރަށް ބޮޑު ހިންހަމަނުޖެހުމެއް މިހާރުގެ ދިވެހި ސަރުކާރާއި މެދު އެބައޮތް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މި ދަތުރުގައި ބައިނަލްއަޤުވާމީ ފަރާތްތަކާއި ބައްދަލުކޮށް އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ބާރު އެޅުއްވުމަށް ވެސް އެދިވަޑައިގަންނަވާނޭ ކަމަށެވެ.
އަދި މިހާރު މި އޮތް ސަރުކާރު އޮވެގެން ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވިދާނޭކަމާ މެދު ޝައްކު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.