އިންޑިއާގެ ހުރިހާ ސިނެމާތަކެއްގައިވެސް ފިލްމް ފެށުމުގެ ކުރިން ޤައުމީ ސަލާން ޖަހަން އިންޑިއާގެ ސްޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ފަނޑިޔާރުން ވިދާޅުވާ ގޮތުގައި އެޤާނޫން 10 ދުވަސް ތެރޭގައި ތަންފީޒް ކުރަންޖެހޭނެ ކަމަށާއި، ޤައުމީ ސަލާން އިވޭއިރު ހުރިހާ އޯޑިއެންސުން ކޮޅަށް ތެދުވަން ޖެހޭނެ ކަމަށެވެ.
1960 އާއި 1970 ގެ އަހަރުަކުގައި ސިނެމާތަކުގައި ޤަވާއިދުން ޤައުމީ ސަލާމް ޖަހައި އުޅުނެވެ. އެހެންނަމަވެސް އޭގެ ފަހުން އެއާދަ ވަނީ ގެއްލިގެން ގޮސްފައެވެ. ކޯޓުން މިނިންމި ނިންމުމާއިމެދު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ވާހަކަ ފެތުރިފައެވެ.
ޤައުމީ ސަލާމާއި ބެހޭގޮތުން ވަކި އެއް ޤަވާއިދެއް އިންޑިއާގައި ނެތްނަމަވެސް، 29 ސްޓޭޓްގައި އެސްޓޭޓްތަކުގެ އަމިއްލަ ޤާނޫން އެކަމާއިމެދު އޮވެއެވެ.
2003 ވަނަ އަހަރު ހުޅަނގު މަހަރާޝްތްރާ ސްޓޭޓުން ވަނީ ސިނެމާތަކުގައި ޤައުމީ ސަލާމް ޖެހުން މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރު މެޑްރާސް ހައި ކޯޓުން ވަނީ ޓެމިލް ނާޑު ސްޓޭޓްގައި އެފަދަ ގޮތަކަށް ޢަމަލުކުރުން މަނާކޮށްފައެވެ.
ބުދަ ދުވަހު ފަނޑިޔާރު ދީޕަކް މިޝްރާއާއި އަމިތަވް ރޯއީ ހިމެނޭ ފަނޑިޔާރުންގެ ޕެނަލުން ވަނީ އިންޑިއާގެ ޤައުމީ ދިދައިގެ ފޮޓޯއަކާއިއެކު ޤައުމީ ސަލާމް ހުރިހާ ސިނެމާތަކެއްގައި ޖެހުން ލާޒިމްކޮށް ހުކުމް ކޮށްފައެވެ.
މިނިންމުމުގެ ސަބަބުން ސޯޝަލް މީޑިއާގައި އެކިމީހުން އެމީހުންގެ ޚިޔާލު ފާޅުކުރަމުން އެބަދެއެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ އެއްވެސް ބޭނުމެއް ނެތް ހުކުމެއް ކަމަށްވާއިރު، އަނެއްބައި މީހުން ބުނަނީ އެގޮތަށް ހުކުމް ކުރުމަކީ ގޯހެއް ނޫން ކަމަށެވެ.
ބުދަ ދުވަހުގެ މެންދުރުފަހުން ޓްވިޓާގައި އެންމެ ބާރަށް ދައުރުވަމުންދިޔަ ހޭޝްޓެގް އަކީ "#ނޭޝަނަލްއެންތެމް" އެވެ.



