އައްޑޫގެ ވިޔަފާރިތަކުން މި މަހުގެ 1 އިން ފެށިގެން މަހަކު 200ރ. ގެ ފީއެއް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ކުށްވެރިކޮށް، އެ މައްސަލަ އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަަން ލަތީފް ގޮވާލައްވައިފަ އެެވެ.
ކައުންސިލްގެ އެ ނިންމުން ކުށްވެެރިކޮށް އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ "މި މައްސަލާގައި ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރަށް، މުޅި އައްޑޫ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނާއި ގުޅުންހުރި އިޤްތިސާދީ ގޮތުން ދަތި ދުވަސް ވަރެއްގައި، އިޤުތިސާދީ އަޑިގަޑެއްގެ ތެރޭގައި އައްޑޫ ވަނިކޮށް، އިތުރަށް ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަކަށް މިކަންވާތީ، ސިޓީ ކައުންސިލުގެ މިނިންމުން ކުށްވެރި ކުރައްވާ" ކަމަށާއި "އަދި މި މައްސަލަ ސިޓީ ކައުންސިލުން އަނބުރާ ގެންދެވުމަށާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ކުއްލި ގޮތަކަށް، ރައްޔިތުން އުފުލަން ޖެހުނު މި ބޮޑު ބުރައިން ސަލާމަތްކޮށް ދެއްވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާ" ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އައްޑޫ ސިޓީގެ ރަށްރަށުގައި ހިންގާ ފިހާރަތަކުން 1978 ޖޫން އިން ފެށިގެން ޤާނޫނު ނަންބަރު 78/60 "އިމްޕޯރޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާއި ބެހޭ ޤާނޫނު" ގެ 2 ވަނަ މާއްދާގެ (ށ) އާއި އެއްގޮތަށް ނަގަމުން އައި މަހުފީ -/50 (ފަންސާސް) ރުފިޔާ އިން 200ރ. އަށް ބޮޑުކޮށް މި މަހުގެ 1 ން ފެށިގެން، ބޮޑު ކުރި ގޮތަށް ފީނެގުމަށް މިދިޔަ މަހުގެ 23 ގައި އައްޑޫ ސިޓީ ކައުންސިލުން ނިންމައި ތަންފީޒު ކުރަން ފަށައިފައިވާ ކަމަށެވެ.
އަދި ސިޓީ ކައުންސިލުން މި މައްސަލަ މިގޮތަށް ނިންމީ މިޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި، "10،000 މީހުން، ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ކޮންމެ ތަނަކުން މަހަކު 200 ރުފިޔާ" ގެ ކުލި ނެގޭނެ ކަމަށް ބުނާތީ، ކަމަށް" ބުނެ ކައުންސިލުން މީޑިޔާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން "ޤާނޫނީ ގޮތުން ނުކުންނަ މައްސަލައަކީ، މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރި އިރު ހަމަ މިޤާނޫނުގެ 2 ވަނަ މާއްދާގެ (ޅ) ގައި ބުނާ "މިޤާނޫނުގައިވާ ގޮތުގެ މަތިން، ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދު ބަލާނީ، އެހާތަނަށް ސަރުކާރުން އެންމެފަހުން އިޢުލާނުކޮށްފައިވާ ބޯހިމެނި ހިސާބަކުން" ކަމަށް ސަރީޙަބަހުން ބުނެފައިވާ އިރު މި މާއްދާގައި ބުނާ ޝަރުޠު ހަމަވާ އެއްވެސް ރަށެއް އޭރު ނެތް އިރު، މިކަމަށް ނުބަލާ ޤާނޫނާއި ޚިލާފަށް ނިންމުން" ކަމަށް ލަތީފް ވިދާޅުވި އެވެ.