އަވަށްޓެރި ސްރީ ލަންކާގެ ސްރީ ލަންކަން އެއާލައިން އިން އައްޑޫ އަށް ސީދާ ދަތުރުތައް ފަށައި، ފުރަތަމަ ފްލައިޓު މިއަދު ހެނދުނު ގަން އިންޓަނޭޝަން އެއާޕޯޓުގައި ޖައްސައިފި އެވެ.
ސްރީ ލަންކަންގެ ފްލައިޓް ޔޫއެލް 119 މިއަދު އައްޑޫ ސިޓީގައި ޖައްސާފައި ވަނީ 120 މީހުންނާއެކުގަ އެވެ. މި ދަތުރުގައި އެއާލައިނުގެ ސީއީއޯ ސުރެން ރަޓަވާޓްވެސް ވަނީ އައްޑޫ އަށް ވަޑައިގެންފަ އެވެ.
ގަމަށް އިންޓަނޭޝަނަލް އެއާލައިނަކުން ފުރަތަމަ ފަހަރަށް ޝެޑިއުލް ފްލައިޓެއް ދަތުރުކުރި ފުރަތަމަ ފަހަރަށް ވުމުން ސުރެން ރަޓަވާޓް ބުނެފައިވަނީ އައްޑޫ ސިޓީ ފަދަ ރީތި، ހިތްގައިމު މަންޒިލަކަށް އިންޓނޭޝަނަލް އެއާލައިނަކުން ފުރަތަމަ ޝެޑިއުލް ދަތުރެއް ކުރެވުމަކީ އޭނާ އަށް ލިބޭ ނުހަނު ބޮޑު ޝަރަފެއް ކަމުގައެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވެސް ވަނީ މިހަފްލާގައި ވާހަކަ ދައްކާފައެވެ.
އެމަނިކުފާނުގެ ވާހަކައިގައި ރައީސް ޔާމީނުގެ އިގްތިސޯދީ އެޖެންޑާގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލް އަގުވާމީ އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ހިމެނުމަކީ ދިވެހިރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަން ކުރިއަރައި ދިއުމަށް ލިބޭ ބާރެއް ކަމަށެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑެޕިއުޓީ ޖެނެރަލް އިބްތިޝާމާ އަހުމަދު ސައީދުގެ ވާހަކަފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޭރުގެ އެއާލައިނަކުން ޝެޑިއުލް ފްލައިޓެއް ޖެއްސުމަކީ އެއާޕޯޓުގެ ދިގު ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
އަދި ސީޕްލޭން ބޭސްއާއި އެކު މިސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރާ ދިއުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ރޯލެއް ކުޅޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރެވިފައިވަނީ ކޮން މަސައްކަތްތަކެއްތޯ ސުވާލު ކުރެވުމުން އިބްތިޝާމާ ވިދާޅުވެފައިވަނީ ގަން އެއާޕޯޓު ތަރައްގީ ކުރެވެނީ ފޭސް ތަކަކަށް ބަހާލެވިގެން ކަމަށެވެ.
ރަންވޭ ބޮޑުކުރުމާއެކު ފުރަތަމަ ދެ ފޭސް ނިމިފައިވާ ކަމަށާއި ތިންވަނަ ފޭސްއަކީ އިކުއިޕްމަންޓު އަޕްގްރޭޑު ކުރުން ކަމަށްވެސް އިބްތިޝާމާ ވިދާޅުވެފައިވެއެވެ.
އަދި މި ފޭސް ކުރިއަށް ދާނީ އެއާޕޯޓުގައި ޖައްސާ ފްލައިޓްތަކަށް ބަލައި ޑިމާންޑު އޮތް ވަރަކުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާއަށް ދަތުރުކުރި ފުރަތަމަ ފްލައިޓު ވަނީ މިހާރު 132 މީހުންނާއެކު އެއާޕޯޓުން ނައްޓާލާފައެވެ.
ގަން އެއާޕޯޓުން ލަންކާއަށް ސީދާ ދަތުރުތައް ހަމަޖެއްސުމަކީ މިސަރަހައްދުގެ ރައްޔިތުންނަށް ލިބިދޭ ވަރަށް ބޮޑު ލުޔެއް ކަމަށް ދަތުރުވެރިން ދެކެއެވެ.