Last Updated: July 1, 10:54
Wednesday, July 1, 2026
މުނިފޫހިފިލުވުން

އަރްބާޒާއި މަލައިކާ ވަކިވަނީ

ފޮޓޯ: އިންޑިއާ ޓީވީ

ކައިވެނި ކޮށްގެން އުޅޭތާ 18 އަހަރު ވެފައިވާ އަރްބާޒް ޚާންއާއި މަލައިކާ އަރޯރާ ޚާން ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ބާންދްރާ އާއިލީ ކޯޓުގައި ކައުންސެލިންގް ސެޝަންއަކަށް ގޮސްފައެވެ.

ވަރިވާން ބޭނުން ކޮންމެ ދެމަފިރިއަކަށްވެސް ކައުންސެލިންގް ސެޝަންއެއްގައި ބައިވެރިވުމަކީ އިންޑިއާގެ ޤާނޫނުން ލާޒިމްކުރާ ކަމެކެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެސެޝަންގައި ކައިވެނީގެ ކައުންސެލަރަކާއި އެދެމަފިރިންގެ މައްސަލައިގައި އައްޔަން ކުރެވިފައިވާ ފަނޑިޔާރުވެސް ބައިވެރިވިއެވެ.

އިންޑިއާގެ ޤަވާއިދު އޮންނަ ގޮތުން، ވަރި ސާބިތުވުމުގެ ކުރިން ކޮންމެ ދެމަފިރިއަކަށްވެސް އެނިންމުމާއިމެދު ވިސްނާ، ނިންމުން ބަދަލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަމަސް ދުވަހުގެ މުހުލަތެއް ދެވެއެވެ. އެގޮތުން އަންގާރަ ދުވަހު ބޭއްވުނު ކައުންސެލިންގް ސެޝަންއަކީ އަރްބާޒްއާއި މަލައިކާގެ ވަރި ސާބިތުކުރުމުގެ ކުރިން ބޭއްވޭނެ ހަމައެކަނި ކައުންސެލިންގް ސެޝަންއެވެ.

އެދެމީހުންގެ ވަރީގެ ކޯޓް އަޑުއެހުން އޮންނާނީ އަންނަ 2017 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

ވަރީގެ މައްސަލަ ނިންމުމަށްޓަކައި އެދެމަފިރިން ފަނޑިޔާރުންގެ ކޮޓަރިއަށް ގޮސް، ހުރިހާ ލިޔެކިޔުންތަކެއް ހުށައަޅައި ވަރީގެ އެއްބަސްވުމުގައި ސޮއި ކުރާނެއެވެ. އެމައްސަލަ ނިންމުމަށް ދެމަފިރިން ކަނޑައަޅާފައިވާ ޝަރުތުތައް އަދި ނޭނގެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އަންގާރަ ދުވަހު ބޭއްވުނު ސެޝަންގައި އަރްބާޒްއާއި މަލައިކާގެ ގާތުން އެދެމީހުންގެ ނިންމުމާއިމެދު ދެވަނަ ފަހަރަށް ވިސްނާލުމަށް އެދި، ވަކިވާން ބޭނުންވާ ސަބަބާއި އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި ކުރާ ކަމެއްތޯ ސުވާލުކުރެވުނެވެ. އަދި އެސުވާލުތަކަށް އަރްބާޒްއާއި މަލައިކާ ވަނީ ޖަވާބު ދީފައެވެ.

އެއީ ވަރީގެ މައްސަލައެއް ނިންމުމުގެ ކުރިން އިންޑިއާގައި ކަންތައް ކުރުމަށް އަންގާފައި އޮންނަ ގޮތެވެ.