ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން، 61، މުމްބާއީގެ އުމުރުން 36 އަހަރުގެ ޒުވާން ވިޔަފާރިވެރިއަކާ ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރީގެ އެކްޓަރެއް ކަމަށްވާ މަރުހޫމް މަޒްހަރު ހާނާ ކައިވެނިކޮށްގެން ޒީނަތަށް ވަނީ ދެ ފިރިހެން ކުދިން ވެސް ލިބިފަ އެވެ. އެއީ ޒަހާން ހާން، 23، އާއި އަޒާން ހާން، 26، އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދާދި ފަހުން ޒީނަތު ވަނީ އޭނާ އާ ލޯބިވެރިއެއް ހޯދައިފައިވާކަން ކަށަވަރު ވެސް ކޮށްދީފަ އެވެ. އަދި ޒުވާން ލޯބިވެރިއެއް ލިބުމުން ކުރިއަށް ވުރެ މާ ބޮޑަށް ޒުވާން ކަމަށް އިހުސާސް ކުރެވޭ ކަމަށް ވެސް ފިލްމްތަކުގައި "ބޮލްޑް" ކެރެކްޓާތަކެއް ދައްކުވައި ދީފައިވާ ރީތި ބަތަލާ ބުންޏެވެ.
ޒީނަތު ކައިވެނި ކުރަން އުޅޭ ވާހަކަ ފެތުރިފައިވީ ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ އަދި ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް މަންމަގެ އާ ގުޅުމާ ދޭތެރޭ ދަރިން ވަރަށް ބޮޑަށް އުފާވެފައި ތިބި ކަމަށް ޒީނަތު ބުނެފައިވެ އެވެ.
ޒީނަތުގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ސަތިއަމް ޝިވަމް ސުންދަރަމް"، "ހަރޭ ރާމާ ހަރޭ ކްރިޝްނާ"، "ގްރުބާނީ" އަދި "ދަ ގްރޭޓް ގެމްބްލާ" ފަދަ ފިލްމްތައް ހިމެނެ އެވެ.