މިހާރު ހިތަދޫގައި ކުރިއަށްދާ "ޒެފިއާ ފުޓްސަލް ކަޕް 2016" ގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅެވުނު ދެ މެޗު ސުއްޓާ ލައިނާއި ސްކޫޕް ޓީމު ކާމިޔާބުކޮށްފި އެވެ.
ފުރަތަމަ މެޗުގައި އެފްސީ ސުއްޓާލައިން އެފްސީ ބޭރުމަތި ޓީމާއި ދެކޮޅަށް ކުޅެ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިފައިވާއިރު ސުއްޓާލައިނުގެ ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައި އީގަލްސް ގެ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދުގެ ފަރާތުންނެވެ.
ހަންނާގެ ދެ ގޯލާއެކު އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.
މިއަދުގެ ދެވަނަ މެޗުގައި އެފްސީ ސްކޫޕް ކަންމަތި ނިކުމެފައިވަނީ އެފްސީ ބޮނޑަފަންނަ އާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ހާފު 1-2 ގެ ނަތީޖާއިން ކުރީގައި އޮތީ ބޮނޑަފަންނައެވެ.
ސްކޫޕް އިން ދެވަނަ ހާފުގައި ހަތަރު ގޯލު ޖަހާފައިވާއިރު ބޮނޑަފަންނަ ޓީމަށް ޖެހިފައިވަނީ އިތުރު އެންމެ ގޯލެކެވެ. މެޗު ނިމިގެން ގޮސްފައިވަނީ 3-5 އިން ސްކޫޕް މޮޅުވެގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ސްކޫޕް ކަންމަތި ޓީމުގެ ޖާޒީ ނަމްބަރު 8 އަލީ އަނާލަށެވެ. އޭނާ ވަނީ ސްކޫޕް އިން ޖެހި 5 ގޯލުގެ ތެރެއިން 2 ގޯލު ކާމިޔާބުކޮށްފައެވެ.