Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ގަދަ ތިނެއްގައި ރޮނާލްޑޯ، މެސީ އަދި ގްރީޒްމަން

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ރިއަލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ބާސެލޯނާގެ ލިއޯ މެސީ އަދި އެތްލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމެން ހިމެނިއްޖެ އެވެ.

މިދިޔަ ސީޒަނުގައި 40 ގޯލާ އެކު ލަލީގާގެ ރަން ބޫޓު ހޯދި ބާސާގެ ލުއިސް ސުއަރޭޒް ތިނެއްގައި ހިމެނިފައި ނުވުމުން ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ވިދާލި ބައެއް މުހިއްމު ކުޅުންތެރިން ކަމަށްވާ ގެރެތް ބޭލް، ނޭމާ، އިބްރަހިމޮވިޗް، ލެވަންޑޮސްކީ އަދި ސުއަރޭޒް ފަހު 23 ކުޅުންތެރިންނާ ހަމައަށް ދިޔަ ނަމަވެސް ގަދަ ތިނަކުން ޖާގައެއް ލިބިފައި ނުވެ އެވެ.

މި އަހަރު އެންމެ ކާމިޔާބު ކުޅުންތެރިޔަކަށްވެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރިއަލް މެޑްރިޑާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އަމިއްލަ ގައުމު ޕޯޗުގަލް އާ އެކު ޔޫރޯ 2016 ކާމިޔާބުކޮށްފައިވާ އިރު ގްރީޒްމެން ވަނީ އެތްލެޓިކޯ މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ފައިނަލުގައި ބަލިވެ ފްރާންސާ އެކު ޔޫރޯ ފައިނަލުން ވެސް ބަލިވެފަ އެވެ.

އާޖެންޓީނާގެ ތަރި ލިއޯ މެސީ އަށް ވެސް މި އަހަރު ވެގެން ގޮސްފައި ވަނީ އުނދަގޫ އަހަރަކަށެވެ.

ބާސެލޯނާ އެކު ލަލީގާ ކާމިޔާބު ކުރެވުނު ނަމަވެސް އާޖެންޓީނާ އާ އެކު ކޮޕަ އެމެރިކާ ފައިނަލުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗިލީ އަތުން ބަލިވެ، ގައުމީ ފުޓުބޯޅައިން ރިޓަޔާ ކުރިކަން މެސީ ވަނީ އަންގައިފަ އެވެ.

ނަމަވެސް ގިނަ ބަޔެއްގެ އެދުމާއެކު އޭނާ ވަނީ އެނިންމުން އަނބުރާ ގެންގޮސް ގައުމީ ޓީމާއެކު އަލުން ބައިވެރިވެފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލު ކުރާނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އޭނާއަށް މީގެ ކުރިން ތިން ފަހަރު މި އެވޯޑް ހާސިލުކޮށްފައި ވެއެވެ. މެސީއަށް ފަސް ފަހަރު އެވޯޑް ލިބިފައިވެ އެވެ.

މި ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.