އިންޑިއާގެ ފިލްމީ އިންޑަސްޓްރީ އަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެެެއިން ތަފާތު ޑައިރެކްޓަރުންގެ ކުރު ފިލްމްތަކެއް އެކުލެވޭ ގޮތަށް ތައްޔާރު ކުރާ "ބޮމްބޭ ޓޯލްކީޒް" ގައި ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމްގެ ލީޑް ރޯލަށް ރާނީ މުކަރުޖީ އާއި ރަންދީޕް ހޫޑާ ހަމަޖައްސައިފި އެވެ.
މިއީ ކަރަން ޑައިރެކްޓް ކުރާ ފިލްމެެއްގައި ރަންދީޕް ހަރަކާތްތެރިވާ ފުރަތަމަ ފިލްމެވެ. އެހެން ނަަމަވެސް ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ "އުގްލީ" ގައި ރަންދީޕް އަންނަނީ މުހިއްމު ރޯލެއް އަދާ ކުރަމުންނެވެ. އަދި މިއީ ރާނީ އާއި ރަންދީޕް އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމް ވެސް މެ އެވެ.
"ބޮމްބޭ ޓޯލްކީޒް" އަށް ކަރަން ޑައިރެކްޓް ކުރާ ފިލްްމްގައި ރާނީ އާއި ރަންދީޕްގެ އިތުރުން މިހާރު ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ ޔާޝްރާޖް ފިލްމްސް" މެރޭ ޑޭޑް ކީ މަރޫޓީ" ގައި ލީޑް ރޯލް ކުޅޭ ސާގިބް ސަލީމް ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ކަރަންގެ ފިލްމްގެ ސްޓޯރީލައިނާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މުމްބާއީގެ ހަލަބޮލި މަގުތަކުގައި ކަމަށްވެ އެވެ.
މިއީ "ކަބީ އަލްވިދާ ނާ ކެހެނާ" އަށް ފަހު ކަރަންގެ ޑައިރެކްޝަނެއްގައި ރާނީ މަސައްކަތް ކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ. ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށްފައި ވަނީ އާ ތަރިން ހިމަނައިގެން މިދިޔަ އަހަރު ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި ޔެއާ" އެވެ.
"ބޮމްބޭ ޓޯލްކީޒް" ގައި ދެން ހިމެނެނީ ޒޯޔާ އަހުތަރާއި، ދިބާކަރު ބެނަޖީ އާއި އަނޫރާގް ކެޝަޕް ޑައިރެކްޓް ކުރާ ކުރު ފިލްމްތަކެެވެ.