Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ސިޓީ ބަލިކޮށް ޗެލްސީ އެއްވަނައިގައި ހަމަޖެހިލައިފި

ފޮޓޯ- ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް ވާދަކުރާ ދެޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އަދި ޗެލްސީ ބައްދަލުކުރި މެޗު 3-1 އިން ޗެލްސީ ކާމިޔާބުކޮށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅެއް ވެފައިވަނިކޮށް ސިޓީއަށް ކާމިޔާބުކުރެވިފައިވަނީ ޗެލްސީގެ ޑިފެންޑަރު ގެރީ ކެހިލް ސާފުކުރަން އުޅުނު ބޯޅައެއް ބައިކޮޅަށް ވަދެގެންނެވެ.

ފުރަތަމަ ހާފު 0-1 އިން ކުރީގައި އޮވެ ނިންމުނު ނަމަވެސް ސިޓީއަށް ދެވަނަ ހާފުގައި ލީޑު ފުޅާކުރުމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައި ނުވެއެވެ. ހާއްސަކޮށް ކުން އެގުއޭރޯއަށް ލިބުނު ފުރުސަތުތަކާއި ކެވިން ޑިބްރުއޭނާއަށް ހުއްސަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ނަތީޖާއަކަށްވީ ޗެލްސީއަށް ހާފު ފެށިގެން ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. 60 ވަނަ މިނެޓުގައި ޑިއެގޯ ކޯސްޓާ ބްރާވޯ ކޮޅަށް ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ކޮސްޓާ ކުރި އެސިސްޓަކުން ވިލިއެން ވަނީ ޗެލްސީ އަށް ލީޑު ނަގާ ދީފައެވެ. މެޗުގެ ފަހު ގޯލު ހަޒާޑް ޖަހާފައިވަނީ 90 މިނެޓު ހަމަވެ އިންޖަރީ ވަގުތު ތެރޭގައެވެ.

މެޗުން މޮޅުވެ ޗެލްސީ ވަނީ 34 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. ސިޓީއަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. ލިވަޕޫލް އަދި ބޯންމައުތް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ 33 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ދިއުމަށް ފުރުސަތު ލިބޭނެއެވެ. އާސެނަލް އަދި ވެސްޓް ހޭމް ކުޅޭ މެޗު އާސެނަލްއަށް ކާމިޔާބުކުރެވިއްޖެނަމަ 31 ޕޮއިންޓާއެކު ސިޓީ ތާވަލުގެ ހަތަރުވަނައަށް ޖައްސައި ތިންވަނައަށް ދެވޭނެއެވެ.