ޒެފިއާ ފުޓްސަލް ކަޕް 2016 ގައި އެފްސީ ސީރިއަސް އަދި އެފްސީ ބޮނޑަފަންނަ ކުޅުނު މެޗު ސީރިއަސްއިން 3-4 އިން ކާމިޔާބުކޮށްފިއެވެ.
މިއަދުގެ ދެވަނަ މެޗުގައި އެފްސީ އުސްގަނޑަ ވަނީ ސުއްޓާލައިންގެ މައްޗަށް ހަމަ އެ ސްކޯއިން ކުރި ހޯދާފައެވެ.
ފުރަތަމަ މެޗުގައި އެފްސީ އުސްގަނޑައާއި ސުއްޓާލައިން ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-2 އިން ސުއްޓާލައިނު ކުރީގައި އޮވެގެންނެވެ.
ނަމަވެސް އުސްގަނޑަ ޓީމު ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗު އަނބުރާލާފައެވެ. އިތުރު ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު ސުއްޓާލައިނު ޓީމަށް ޖެހިފައިވަނީ ފަހު ހާފުގައި އެންމެ ގޯލެކެވެ.
މެޗުގައި ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ސުއްޓާލައިނުގެ ގޯލުތައް ފެނިގެން ގޮސްފައިވަނީ ހަސަން ރާއިފް އަހުމަދު(ހަންނާ)، އަލީ ހަބީބުގެ އިތުރުން ޒަމްހަދް ބުޝްރީގެ ފަރާތުންނެވެ.
އުސްގަނޑަ ޓީމުން ގޯލު ޖަހާފައިވަނީ އަބްދުﷲ އިމްރާނާއި ހުސަން ޝާރިގުގެ އިތުރުން އަހުމަދު އިބްރާހިމެވެ. މެޗުގައި ހުސެން ޝާރިގު ވަނީ ދެގޯލު ކާމިޔާބުކޮށް މެޗުގެ މޭން އޮފް ދަ މެޗުވެސް ހާސިލު ކޮށްފައެވެ.

ދެވަނަ މެޗުގައި އެފްސީ ސީރިއަސް އަދި ބޮނޑަފަންނަ ކުޅުނު މެޗު ސީރިއަސް ކާމިޔާބުކޮށްފައިވަނީ 3-4 އިންނެވެ. ފުރަތަމަ މެޗެކޭ އެއްފަދައިން މިމެޗުގައިވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-2 އިން ބޮނޑަފަންނަ ކުރީގައި އޮވެގެންނެވެ.
ނަމަވެސް ސީރިއަސް ޓީމުން ވަނީ ދެވަނަ ހާފުގައި އެޓޭކުގައި ވަރުގަދަކޮށް އިތުރު ދެގޯލު ޖަހާފައެވެ. ބޮނޑަފަންނަ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ.
މިމެޗުގެ ގޯލުތައް ކާމިޔާބުކޮށްފައިވަނީ ބޮނޑަފަންނަ ޓީމުން މުހައްމަދު ދާނިޝް، ހަސަން ހާފިޒް ހުސެއިންގެ އިތުރުން އާލިމް ފަހުމީއެވެ.
ސީރިއަސް ޓީމުން ގޯލު ޖަހާފައިވަނީ ހަސަން މިފްރާހް، އިބްރާހިމް ޝާހިދު އަދި އަހުމަދު ޝާފިއުއެވެ. މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސީރިއަސް ޓީމަށް ދެގޯލު ކާމިޔާބުކުރި ހަސަން މިފްރާހްއެވެ.
މުބާރާތުގައި މާދަމާ އެއްވެސް މެޗެއް ނުކުޅޭނެއެވެ. ދެން މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހުގައެވެ. ބައްދަލުކުރާނީ ޗެލެންޖާސް އަދި އެފްސީ ސުއްޓާލައިން، އަދި އެފްސީ ސްކޫޕް ކަންމަތިއާއި އެފްސީ ފަސްގަނޑައެވެ.