Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސްކޫލް ކުދިން ބޮޑެތި ކުށްތަކަށް އަރައި ގަންނަ މައްސަލާގައި މަޝްވަރާކޮށްފި

ފުލުހުން އައްޑޫ ސިޓީ ކައުންސިލާއި އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އައްޑޫގެ ސްކޫލް ކުދިން ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލަ އާއި ގުޅޭގޮތުން ކައުންސިލާއި ފުލުހުން އަދި ސްކޫލްތަކުގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުގައި ފުލުހުންނާއި ސްކޫލްތަކުގެ ވެރިންވަނީ މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމައްސަލަ ހައްލުކުރެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައެވެ.

މިގޮތުން މަޝްވަރާ ކުރެވުނު ކަންތައް ތަކުގެ ތެރޭގައި ސްކޫލް ދަރިވަރުން މަސްތުވާ ތަކެތި ބޭނުން ކުރާ މައްސަލަ އާއި އެތަކެތީގެ ވިޔަފާރީގައި އުޅުމުގެ އިތުރުން ބާރު ސްޕީޑްގައި ވެހިކަލް ދުއްވުން ހިމެނެއެވެ. އަދި މުޖްތަމައުގައި ހިގާ ބޮޑެތި ކުށްތަކުގައި ބައިވެރިވާ މައްސަލަ ހިމެނެއެވެ.

އަދި ބައެއް މިފަދަ ދަރިވަރުންގެ ސަބަބުން ސްކޫލްގައި ކިޔަވައިދިނުމަށް ހުރަސް އެޅޭ މައްސަލައަށް ވެސް ވަނީ މަޝްވަރާކުރެވިފައިއެވެ.

މިއަދުގެ މަޝްވަރާގައި ސްކޫލް ކުދިންގެ ފަރާތުން ކުށްތަކަށް އަރައިގަންނަ މައްސަލަ ދެނެގަތުމަށްޓަަކައި ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ކަންކަމާއި މެދުގައި ވެސް މަޝްވަރާ ކުރެވުމެނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް "އައްޑޫލައިވް"އަށް ވިދާޅުވީ ސްކޫލް ކުދިންނާއި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ ކުދިން ކުށްތަކަށް އަރައިގަންނަ ނިސްބަތް މަތިވަމުން އަންނަ ކަން ފުލުހުންނަށް ފާހަގަކުރެވިގެން އެކަމާއި ގުޅޭ ގޮތުން ދާއިމީ ހައްލެއް ހޯދުމަށް މިއަދު މަޝްވަރާކުރިކަމަށެވެ.

"ބޮޑަށް މިއަދުގެ ބައްދަލުވުން އަމާޒު ކުރެވުނީ ސްކޫލް ކުދިންނާއި 18 އަހަރުން ދަށުގެ ކުދިން ކުށްތަަކަށް އަރައިގަންނަ ނިސްބަތް މަތިވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދުން. އެގޮތުން މިއަދުގެ ބައްދަލުވުމުގައި އެކަމަށް ނިންމުންތަކެއް ނިންމުނު" ހަނީފް ވިދާޅުވިއެވެ.

ހަނީފް ވިދާޅުވީ މިއަދުގެ ބައްދަލުވުމުން ނިންމި ނިންމުންތައް ވަރަށް އަވަހަށް މީޑިއާއަށް ހާމަ ކުރާނެ ކަމަށެވެ.

އަދި "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަން ކުރިއަށް އޮތް ތިން މަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި މީގެ ކާމިޔާބަށް ބަަލައި އިތުރު ހަރަކާތްތަށް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ 17 އިން ފެށިގެން އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގައި ބޮޑެތި ކުރި އެރުންތައް ވަނީ ލިބިފައެވެ. އެގޮތުން އައްޑޫގެ ކުށުގެ ވެށި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ހަނީފް ވިދާޅުވީ ފުލުހުންގެ މަަސައްކަތަށް އާއްމުންނާއި ކައުންސިލުން ދެމުންދާ އެއްބާރުލުމަށް ފާހަގަ ކޮށް އެ ފަރާތަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޝުކުރު ދަންނަވާކަމަށެވެ.