އިންޑިއާގެ އެންމެ ނުފޫޒްގަދަ އަދި ކުލަގަދަ ސިޔާސީ ލީޑަރު ކަމަށްވާ ޖޭ ޖަޔާލަލީތާ އަވަހާރަވުމާ ގުޅިގެން އެތައް ހާސް ބަޔަކު ހިތާމަފާޅުކޮށް އޭނާ އަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި ޖަމާވަމުން އެބަދެ އެވެ.
ދެކުނު ޓެމިލް ނާޑު ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަށްވާ އުމުރުން 68 އަހަރުގެ ޖޭ ޖަޔާލަލީތާ އަވަހާރަވީ ހޯމަ ދުވަހުގެ ރޭ އިންޑިއާގެ ގަޑިން 23:30 ގައި ހާޓް އެޓޭކްއެއް ޖެހުމުގެ ސަބަބުން ކަމަށް ޗެންނާއިގެ އެޕޯލޯ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އޭނާގެ ގައިގައި އިންޑިއާގެ ޤައުމީ ދިދަ އެޅުމަށް ފަހު އިންޑިއާގެ ބޮޑު ޕަބްލިކް ހޯލެއްގައި އާންމުންނަށް ދައްކާލުމަށްޓަކައި ވަނީ ބޭއްވިފައެވެ.

އިޙްތިރާމް އަދާކުރުމަށް ދިޔަ މީހުންގެ ތެރޭގައި ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ހިމެނިވަޑައިގަންނަވައެވެ.
ހަމަނުޖެހުންތައް އުފެދިދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެން ޓެމިލް ނާޑު ސްޓޭޓްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރު ސިފައިން ވަނީ ގެނެވިފައެވެ.
ޖަޔާލަލީތާ އަށް ސަޕޯޓްކުރާ ގިނަމީހުން އޭނާއަށް ކިޔަނީ "އައްމާ" (މަންމަ) އެވެ. އަދި އެމީހުން ހިތާމަ ފާޅުކުރުމުގެ ގޮތުން އަމިއްލަ ނަފްސަށް ގެއްލުންދީ ނުވަތަ ހަމަނުޖެހުން ފަތުރާފާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.
މީގެ ކުރިންވެސް ޖަޔާލަލީތާ ނިޔާވިކަމުގެ ޚަބަރު ލިބުމުން އޭނާ އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލުގެ ބޭރުގައި ފުލުހުންނާއި ސަޕޯޓަރުންގެ މެދުގައިވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.
އެހެން ނަމަވެސް، މިފަހަރު އަދި ކަންތައްތައް އެހާ ގޯސްވެފައެއް ނުވެ އެވެ.
ގިނަ މީހުން ދަނީ ޖަޔާލަލީތާ އެންމެ ފަހުފަހަރަށް ދެކިލުމަށްޓަކައި އެއްވަމުންނެވެ. ބައެއް މީހުން ރޮމުން ދާއިރު، އަނެއްބައި މީހުން ދަނީ ބޮލުގަޔާއި މޭމަތީގައި ތަޅަމުންނެވެ.

ޓެމިލް ނާޑުގައި ވަނީ ހަތް ދުވަހުގެ ހިތާމަ ފާޅުކުރުމުގެ މުއްދަތެއް އިޢުލާން ކުރެވިފައެވެ. ދިއްލީގެ މަރުކަޒީ ސަރުކާރުން ވަނީ އަންގާރަ ދުވަހަކީ ޖަޔާލަލީތާއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ޤައުމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައެވެ.
އަދި އޭނާ ވަޅުލެވޭނީ ރަސްމީ އިއްޒަތުގައި ފުރިހަމަ ޝަރަފާއިއެކު ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.

މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ބޮޑު ވަޒީރު ނަރޭންދްރަ މޯދީވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ޖަޔާލަލީތާއަށް އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ 22 ސެޕްޓެމްބަރުން ފެށިގެންނެވެ.