Last Updated: July 1, 10:54
Wednesday, July 1, 2026
މުނިފޫހިފިލުވުން

އޮސްކާގެ ހޯސްޓަކަށް ޖިމީ ކިމެލް

އަންނަ އަހަރުގެ ބާއްވާ 89 ވަނަ އޮސްކާ އެވޯޑް ހަފުލާ ހުށައަޅައި ދޭނީ ޖިމީ ކިމެލް ކަމަށް އިޢުލާންކޮށްފި އެވެ.

މިއީ އެމެރިކާގެ ކޮމީޑިއަން އަދި ޓޯކް ޝޯ ހޯސްޓް ޖިމީ ކިމެލް 26 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފްލާ ހުށައަޅައި ދޭ ފުރަތަމަ ފަހަރެވެ.

އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް އެޚަބަރު ކަށަވަރުކޮށްދީފަ އެވެ.

ކިމެލް ވަނީ މީގެކުރިން އެމެރިކަން މިއުޒިކް އެވޯޑްސް ހުށައަޅައި ދީފައެވެ. އަދި ދެ ފަހަރެއްގެ މަތިން އެމީ އެވޯޑްސް ވެސް (2012 ވަނަ އަހަރާއި 2016 ވަނަ އަހަރު) ހުށައަޅައިދީ ފަ އެވެ.

ކްރިސް ރޮކް ހުށައަޅައިދިން މިއަހަރުގެ އޮސްކާ އެވޯޑް ހަފްލާގެ އެމެރިކާގެ ޓީވީ ރޭޓިންގް ވަނީ ވޭތުވެދިޔަ އަށް އަހަރުގައި ދަށަށް ނުދާހާ މިންވަރަށް ދަށަށް ގޮސްފައެވެ. އެހަފްލާ މިއަހަރު އެވަރެޖުކޮށް ބަލާފައިވަނީ 34.5 މިލިއަން މީހުންނެވެ.

މީގެ ކުރިން އޮސްކާ ހުށައަޅައި ދީފައިވާ ޕްރެޒެންޓަރުންގެ ތެރޭގައި އެލެން ޑީޖެނެރެސް، ސެތު މެކްފާލޭން، ހޫޕީ ގޯލްޑްބާގް އަދި ނީލް ޕެޓްރިކް ހެރިސް ހިމެނެއެވެ.

ކިމެލް ވަނީ 2003 ވަނަ އަހަރުން ފެށިގެން "ޖިމީ ކިމެލް ލައިވް" ގެ ނަމުގައި އޭނާގެ އަމިއްލަ ޓޯކް ޝޯއެއްވެސް ހޯސްޓްކޮށްފައެވެ.

އޭނާވަނީ ޕިޗް ޕާފެކްޓް 2 އަދި ޓެޑް 2ފަދަ ފިލްމްތަކާއި ސީސޭމް ސްޓްރީޓް އަދި އޮންޓުރާޖްފަދަ ޓީވީ ޝޯތަކުގައި ޚާއްސަ ފެނިލުންތަކުން ފެނިފައެވެ.

2017 ވަނަ އަހަރުގެ އެކެޑެމީ އެވޯޑްސް ޝޯ ޕްރޮޑިއުސް ކުރަނީ އެމެރިކަން ހިސްޓްރީ އެކްސް އަދި ދަ ސޯޝަލް ނެޓްވޯކްގެ ޕްރޮޑިއުސަރު ކަމަށްވާ މައިކަލް ޑި ލޫކާއާއި، ބެން އެފްލިކް އަދި މެޓް ޑޭމަންގެ ޕާލް ސްޓްރީޓް ފިލްމްސް ޕްރޮޑަކްޝަން ކުންފުނީގެ ރައީސާ ޖެނިފާ ޓޮޑްއެވެ.