ޒެފިއާ ފުޓްސަލް ކަޕް 2016ގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު ދެ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ސުއްޓާލައިނާއި ފަސްގަނޑަ ކާމިޔާބުކޮށްފިއެވެ.
މިއަދުގެ ފުރަތަމަ މެޗުގައި އެފްސީ ސުއްޓާލައިން ނިކުމެފައިވަނީ އެފްސީ ޗެލެންޖާސްއާ ދެކޮޅަށެވެ. ސުއްޓާލައިނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 3-5 ގެ ނަތީޖާއިންނެވެ.
މެޗުގައި ސުއްޓާލައިނުން ޖަހާފައިވާ 5 ގޯލުވެސް ފެނިގެން ގޮސްފައިވަނީ ޓީމުގެ ހުނަރުވެރި ފޯވާޑް، މުހައްމަދު އާލިފް ފަހުމީގެ ފަރާތުންނެވެ.
ޗެލެންޖާސްގެ ގޯލުތައް ފެނިގެން ގޮސްފައިވަނީ އަހުމަދު އައްޒާމް، އަހުމަދު އިބްރާހިމް އަދި އިބްރާހިމް ފުރުގާނުގެ ފަރާތުންނެވެ. އާލިފް ފަހުމީގެ 5 ގޯލާއެކު އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.

ދެވަނަ މެޗުގައި މުބާރާތުގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެން އަންނަ ދެޓީމު ކަމަށްވާ އެފްސީ ސްކޫޕް ކަންމަތިއާއި އެފްސީ ފަސްގަނޑަ ބައްދަލުކޮށްފައިވާއިރު ފަސްގަނޑަ ޓީމު މެޗު ކާމިޔާބުކޮށްފައިވަނީ 2-3 ގެ ހަނި ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔ 5 ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ވީބީ އައްޑޫ އެފްސީއަށް ކުޅުނު ހިތަދޫގެ ހުނަރުވެރި ކުޅުންތެރިޔާ ޝަމްވީލް ގާސިމް(ބޮންޑާ) ހިމެނިފައިވެއެވެ.
އޭނާގެ އިތުރުން ފަސްގަނޑަ ޓީމަށް ގޯލު ޖަހާފައިވަނީ އަނީލް އިބްރާހިމް އަދި އިބްރާހިމް އާސިފެވެ.
ސްކޫޕް ޓީމުން ކާމިޔާބުކުރި ދެގޯލު ޖަހާފައިވަނީ މުހައްމަދު އިންޝާލާއި އިބްރާޙިމް މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފަސްގަނޑަ ޓީމުގެ ޖާޒީ ނަމްބަރު 10، ޝަމްވީލް ގާސިމް(ބޮންޑާ)އެވެ.
ސުއްޓާލައިނު އަތުން ބަލިވެ އެފްސީ ޗެލެންޖާސްވަނީ ކުޅުނު ތިންވަނަ މެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ. މުބާރާތުގައި މާދަމާވެސް ފޯރި ގަދަ މެޗުތަކެއް ކުރިއަށް ދާނެއެވެ.
ގްރޫޕް ބީ ގެ އެއްވަނަ ހޯދުމަށް އެފްސީ އުސްގަނޑަ އެފްސީ ބޭރުމަތިއާ ދެކޮޅަށް ކުޅޭއިރު މާދަމާގެ ދެވަނަ މެޗުގައި އެފްސީ ޖޫނިއާސް ނިކުންނާނީ އެފްސީ ސީރިއަސްއާ ދެކޮޅަށެވެ.