Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

އުރީދޫން ސަބްމެރިން ކޭބަލް އަޅަން ތައްޔާރު ވަނީ

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައި ސްޕީޑު އިންޓަނެޓުގެ ހިދުމަތް ދިނުމަށް ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ސަބްމެރިން ކޭބަލާއެކު ރާއްޖެ އަށް އައި ބޯޓު މިރޭ އައްޑޫ އަށް ވަދެފައިވާ އިރު ހިތަދޫގައި ގާއިމުކޮށްފައިވާ ލޭންޑިން ސްޓޭޝަނުގައި ސަބްމެރިން ކޭބަލް ގުޅުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއު މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަ ލޭންޑިން ސްޓޭޝަން ހަދާފައިވެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި އެއް ލޭންޑިންގ ސްޓޭޝަން ގާއިމު ކުރެވިފައިވާއިރު މާދަމާ ލޭންޑިންގ ސްޓޭޝަނުގައި ކޭބަލް ގުޅުމަށް އުރީދޫ އިން ދަނީ ތައްޔާރުވަމުންނެވެ.

އުރީދޫއިން ސަބްމެރިން ކޭބަލް އަޅައި، ޚިދުމަތް ފޯރުކޮށްދޭން ފެށުމުން މިހާރު ފޯރުކޮށްދެމުން އަންނަ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވެ ކުރިއަރައިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.

އަދި ސަބްމެރިން ކޭބަލް އެޅުމަށްފަހު ބްރޯޑްބޭންޑާއި ފިކްސްޑް ލައިންގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

ދިވެހި ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅާދިނުމަށް ސަބްމެރިން ކޭބަލެއް އެންމެ ފުރަތަމަ އެޅި ކުންފުންޏަކީވެސް 2007 ގައި އުރީދޫއެވެ.

ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭން އުރީދޫ އިން ފެށިފަހުން ދިވެހި ރައްޔިތުންނަށް ހެޔޮއަގުގައި، ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގައި އުރީދޫވަނީ މުހިއްމު ރޯލެއް ކުޅެފައެވެ.