ދުނިޔޭގެ އެންމެ ބަރު އަންހެނާ ކަމަށް ބެލެވޭ، ބަރުދަނުގައި 500 ކިލޯގްރާމް ހުންނަ މިސްރުގެ އަންހެނަކު ބަރުދަން ލުއިކުރުމުގެ ސާޖަރީއެއް ކުރުމަށްޓަކައި ވަރަށް އަވަހަށް އިންޑިއާއަށް ގެންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
36 އަހަރުގެ އީމާން އަހްމަދު އަބްދު އަލް އަތީ ޗާޓަރު ފްލެއިޓަކުން އިންޑިއާގެ މުމްބާއީއަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. އޭނާގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ބޭރިއެޓްރިކް ސާޖަން ކަމަށްވާ ޑރ. މުފައްޒަލް ލަކްޅަވާލާއެވެ.
އޭނާއަށް އިތުރު އެހީއެއް ނުލައި އަމިއްލައަށް ދަތުރު ކުރެވޭވަރު ނުވާތީ އެންމެ ފުރަތަމަ ކައިރޯގައި ހުންނަ އިންޑިއާގެ އެމްބަސީއިން ވަނީ އޭނާއަށް ވިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.
އެހެންނަމަވެސް، އެކަމަށް ހައްލެއް ލިބިގެން ދިޔައީ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ޑޮކްޓަރު އެމައްސަލަ ޓްވިޓާ މެދުވެރިކޮށް އިންޑިއާގެ ފޮރިން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމުންނެވެ.
މިހާރު ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުމަށްޓަކައި ހޮސްޕިޓަލުގައި އަމިއްލަފުޅަށްވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓާ ސުޝްމާ ސްވަރާޖް ޑރ. މުފައްޒަލް ލަކްޅަވާލާއަށް ވަރަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދެއްވިއެވެ.
އަބޫ އަލް އަތީގެ އާއިލާއިން ބުނާގޮތުގައި އޭނާ ގެއިން ނުނިކުންނަތާ މިހާރު 25 އަހަރު ވެދާނެ ކަމަށާއި އޭނާގެ ބަރުދަނަކީ މިހާރު 500 ކިލޯ ކަމަށެވެ.
އޭނާގެ ބަރުދަނާއި ބެހޭގޮތުން އެބުނާ ބުނުމަކީ ތެދަކަށް ވާނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ ބަރު އަންހެން މީހާއަށެވެ. އެއީ މިހާރު ދުނިޔޭގެ އެންމެ ބަރު އަންހެނާގެ މަޤާމްގައި ގިނެސް ވޯލްޑް ރެކޯޑްގައި އޮތީ 2010 ވަނަ އަހަރު 292 ކިލޯގްރާމް ބަރުދަނުގައި ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕޯލީން ޕޮޓާއެވެ.
ޑރ. ލަކްޅަވާލާ ވަނީ މީގެކުރިން އިންޑިއާގެ މިނިސްޓަރުން ކަމަށްވާ ނިތިން ގަދްކާރީއާއި ވެންކައިއާ ނައިޑޫގެ މައްޗަށްވެސް ބަރުދަން ލުއިކުރާ ސާޖަރީތައް ކޮށްފައެވެ. އޭނާ ބީބީސީއަށް މަޢުލޫމާތު ދިން ގޮތުގައި އަބްދް އަލް އަތީގެ މެޑިކަލް ރިޕޯޓްތަކަށާއި ފޮޓޯތަކަށް ބަލާފައި، އޭނާއަށް ޤަބޫލުކުރެވޭ ގޮތުގައި އަބްދް އަލް އަތީގެ ބަރުދަނުގައި މަދުވެގެން 450 ކިލޯގްރާމް ހުންނާނެ ކަމަށެވެ.
އަބްދް އަލް އަތީގެ އާއިލާއިން ބުނާގޮތުގައި އޭނާ އުފަންވިއިރުވެސް ބަރުދަނުގައި 5 ކިލޯގްރާމް ހުރިކަމަށާއި އަދި އެލެފެންޓައިއާސިސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯޒް ކުރެވުނު ކަމަށެވެ. އެލެފެންޓައިއޭސިސް އަކީ ޕެރެސައިޓިކް އިންފެކްޝަނެއްގެ ސަބަބުން މީހެއްގެ އަތާއި ފައި އަދި އެހެނިގެން ގުނަވަންތައް ދުޅަވުމަށް ދިމާވާ ހާލަތަކަށް ކިޔާ ނަމެއް ކަމަށްވެސް ޑޮކްޓަރު ބީބީސީއަށް ފޯނުންދިން ބަސްދީގަތުމެއްގައި ބުންޏެވެ.
"އެމީހުން ބުނީ އޭނާއަށް 11 އަހަރު ވީއިރު އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި ކަމަށާއި އޭގެ ސަބަބުން އޭނާއަށް ކޮޅަށް ނުތެދުވެވޭ ކަމަށާއި އަދި ނުފިރުކެވޭ ކަމަށް. ދެން އެއަށްފަހު އޭނާއަށް ސްޓްރޯކެއް ޖެހި އެނދުމަތި ކުރަން ޖެހުނު ކަމަށާއި އޭގެ ފަހުން ގެއިން ނުކުމެވޭ ގޮތް ވަނީ ނުވެފަ ކަމަށް"، ޑޮކްޓަރު ވިދާޅުވިއެވެ.
އަބްދް އަލް އަތީއަށް އަޅާލައި އުޅެނީ އޭނާގެ މަންމައާއި ދައްތައެވެ.
ޑރ. ލަކްޅަވާލާ ބުނީ އަބްދް އަލް އަތީގެ ދައްތަ އޮކްޓޯބަރު އޭނާއަށް ގުޅިކަމަށާއި، އޭރުން ފެށިގެން އޭނާ މުމްބާއީއަށް ގެނައުމަށްޓަކައި ފައިސާ އެއްކުރަމުން ދާކަމަށެވެ. އެއީ ފްލައިޓެއް ޗާޓަރު ކުރެވޭ ވަރަށްވުރެ އޭނާގެ އާއިލާ މާފަޤީރު ވީމައެވެ.
ޑޮކްޓަރު ބުނާގޮތުގައި ހުރިހާ ރަސްމީ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް، މިއަންނަ ހަފްތާގެ ތެރޭގައި އޭނާ މުމްބާއީއަށް ގެނައުމަށް އުންމީދު ކުރާ ކަމަށެވެ. ޑޮކްޓަރު ޤަބޫލުކުރާ ގޮތުގައި އަބްދް އަލް އަތީއަށް އެލެފެންޓިއޭސިސް ޖެހިފައި ނުވެއެވެ. އެހެންނަމަވެސް، މާބޮޑަ ބަރުވުމުގެ ސަބަބުން އޭނާއަށް ލިމްފޮޑީމާ ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާގެ ފައި މާބޮޑަށް ދުޅަވަނީ ކަމަށެވެ.
"ސާޖަރީއަށްޓަކައި އޭނާ ދެތިންމަސް ވަންދެން މުމްބާއީގައި ހުންނަން ޖެހޭނެ. ފަރުވާއަށްފަހު އޭނާއަށް އަނބުރާ ޤައުމަށް ދެވޭވަރު ވާނެ. އެހެންނަމަވެސް އޭނާގެ ބަރުދަން 100 ކިލޯއަށްވުރެ ތިރިއަށް ގެނައުމަށް ދެތިން އަހަރު ނަގާނެ"، ސާޖަން ބުންޏެވެ.