މިއުޒީޝަން އަދި އެކްޓަރު ހިމޭޝް ރޭޝަމިޔާ އާއި 22 އަހަރު ވަންދެން އޭނާ ކައިވެނި ކޮށްގެން އުޅުނު އަންހެނުން ކަމަށްވާ ކޯމަލް ވަކިވުމަށް ނިންމައިފި އެވެ.
ހިމޭޝްވަނީ އަންގާރަ ދުވަހު ބާންދްރާގެ އާއިލީ ކޯޓުގައި ވަރީގެ ފޯމް ހުށައަޅައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހިމޭޝްއާއި ކޯމަލް އެކަކު އަނެކަކާއި ވަކިން ދިރިއުޅެމުންދާތާ މިހާރު މަސްތަކެއް ވެދާނެ އެވެ.
އެ ޚަބަރު ޔަޤީންކޮށްދެމުން، ހިމޭޝް ބުނީ އޭނާ އާއި ކޯމަލް ވަކިވާން ނިންމާފައި ވަނީ އެކީގައި ކަމަށާއި، އެ ދެ މީހުން އާއިލާގެ ހުރިހާ މެމްބަރުން ވެސް އެ ދެ މީހުންގެ ނިންމުމަށް އިޙްތިރާމް ކުރާކަމަށެވެ.

ވަރިވުމަށް ނިންމި ނިންމުމަކީ ދެ މީހުން ވެސް އެދޭ ގޮތް ކަމަށާއި، ވަރިއަށް ފަހު ވެސް އެކަކު އަނެކަކު ދިރިއުޅުމުގައި ހިއްސާ ވާނެ ކަމަށް ކޯމަލް ވެސް ވަނީ ބުނެފަ އެވެ.
އެ ދެމަފިރިންގެ ކައިވެންޏަށް އެއް ފިރިހެން ދަރިފުޅަކު ލިބިފައިވެ އެވެ. ސްވަޔަމް ބަލާބޮޑު ކުރުމަށް ނިންމާފައި ވަނީ މަންމަ އާއި ބައްޕަގެ ވެސް ހިއްސާ އޮވެގެން ކަމަށް ހިމޭޝްގެ އަރިސް ފަރާތްތަކުން ބުނެ އެވެ.
ހިމޭޝް އާއި ޓީވީ އެކްޓްރެސްއެއް ކަމަށްވާ ސޯނިއާ ކަޕޫރްގެ ގުޅުމުގެ ވާހަކަ ނޫސްތަކުގެ ބޮޑު ސުރުޚީތަކަށް 2006 ވަނަ އަހަރު އެރިއެވެ.
އެހެން ނަމަވެސް، ހިމޭޝްގެ ކައިވެނި ރޫޅޭ ސަބަބަކީ އެއީކަން އަދި ޔަޤީނެއް ނުވެ އެވެ.